އެޕަލް އައިމެސެޖްތަކަށް މިހާރު ޗެޓްޖީޕީޓީ އިން ރިޕްލައި ކުރެވޭނެ!

މި އިންޓަގްރޭޝަންގެ ސަބަބުން ޗެޓްބޮޓް މެދުވެރިކޮށް ކުރީގެ މެސެޖުތައް ވެސް ހޯދޭނެ ---

އޯޕަންއޭއައި އިން އެޕަލްގެ މެސެޖަސް އެޕަށް ޚާއްޞަ ޕްލަގިންއެއް ތަޢާރަފުކޮށް، މެކް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ ޗެޓްޖީޕީޓީ މެދުވެރިކޮށް އައިމެސެޖް ކިޔުމާއި ޖަވާބު ފޮނުވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އާ ފީޗާއާ ގުޅިގެން ޒާތީ މައުލޫމާތާއި ސަލާމަތީ ރައްކާތެރިކަމާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު، މި ޚިދުމަތް މިވަގުތު ލިބެނީ މެކް ކޮމްޕިއުޓަރުތަކުގައި ޗެޓްޖީޕީޓީ ވޯކް އަދި ކޯޑެކްސް ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ.

މި އިންޓަގްރޭޝަންގެ ސަބަބުން ޗެޓްބޮޓް މެދުވެރިކޮށް ކުރީގެ މެސެޖުތައް ހޯދައި ބެލުމުގެ އިތުރުން، ފޮނުވަން ބޭނުންވާ ޖަވާބުތައް ޑްރާފްޓްކޮށް ސީދާ މެކް ކޮމްޕިއުޓަރުން ފޮނުވުމުގެ ފުރުސަތު ލިބިގެންދެއެވެ.

https://sun.mv/226216

އޯޕަންއޭއައި އިން އާންމުކުރި މިސާލެއްގައި ދައްކުވައިދީފައިވަނީ، އިއްޔެގެ މެސެޖުތަކުގެ ތެރެއިން ޖަވާބު ނުދެވި ހުރި މުހިންމު ވާހަކަތައް ހޯދައިދިނުމަށް ޗެޓްޖީޕީޓީ ގާތު އެދުމުން، އެ މެސެޖުތައް ހޯދައި އެއަށް ފޮނުވާނެ ޖަވާބު ލިޔެ ފޮނުވައިދިން މަންޒަރެވެ.

މި ޚިދުމަތަކީ ބޭނުންކުރާ ފަރާތްތަކުގެ ފުރިހަމަ ހުއްދައާ އެކު ނޫނީ މަސައްކަތްކުރާނެ ފީޗާއެއް ނޫން ކަމަށް ބުލޫމްބާގް އިން ރިޕޯޓްކުރެއެވެ.

މި ޕްލަގިން އެކްޓިވޭޓް ކުރުމަށްޓަކައި ޔޫޒަރުން މެކްގެ އޮން-ޑިވައިސް މެސެޖް ހިސްޓްރީއަށް ވަނުމުގެ ހުއްދަ ދޭންޖެހޭއިރު، ސިސްޓަމް ސެޓިންގްސްގެ ޕްރައިވަސީ ބައިން ފުލް ޑިސްކް އެކްސެސް ދިނުމާއި، ކޮންޓެކްޓް ލިސްޓާއި އޮޓޮމޭޝަން ޓޫލްސްތަކަށް ވަނުމުގެ ހުއްދަ ޗެޓްޖީޕީޓީއަށް ދޭންޖެހެއެވެ.

މިކަމާ ގުޅޭގޮތުން އޮޕަންއޭއައިގެ ތަރުޖަމާނަކު ވިދާޅުވީ، މި ޕްލަގިންގެ ސަބަބުން ޔޫޒަރުންގެ މެސެޖުތަކުގެ އިންޑެކްސްއެއް ނުހަދާނެ ކަމަށެވެ. އަދި ޗެޓްބޮޓް މެސެޖެއް ކިޔާނީ ބޭނުންކުރާ ފަރާތުން ސީދާ އެކަމަށް އަމުރުކުރުމުން ކަމަށާއި، ޗެޓްޖީޕީޓީ އިން ތައްޔާރުކުރާ ޑްރާފްޓް މެސެޖެއް ފޮނުވޭނީ ވެސް ޔޫޒަރު އެކަމަށް ސީދާ ހުއްދަ ދިނުމުން ކަމަށް ބުނެފައިވެއެވެ. އޯޕަންއޭއައި އިން ފާހަގަކުރި ގޮތުގައި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ޔޫޒަރުންގެ ޒާތީ ރައްކާތެރިކަމަށެވެ.

މި ޕްލަގިން ތައްޔާރުކޮށްފައިވަނީ އެޕަލްގެ ބައިވެރިވުމާ އެކު ކަމެއް އަދި ސާފެއް ނުވެއެވެ. މީގެ ކުރިން 2024 ވަނަ އަހަރު ބީޕާ މިނީ އެޕުން ހުއްދައަކާ ނުލައި އައިމެސެޖް ބޭނުންކުރަން ފެށުމުން އެޕަލް އިން ވަނީ އެ ޚިދުމަތް ތަކުރާރުކޮށް ބްލޮކްކޮށްފައެވެ.

މީގެ އިތުރުން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް، އެޕަލްގެ ކުރީގެ މުވައްޒަފުން ނަހަމަ ގޮތުގައި ވަޒީފާއަށް ވެއްދި ކަމަށް ބުނެ އެޕަލް އިން ދާދިފަހުން އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ ވެސް އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް