އެޕަލް ވޮޗް ސީރީޒް 12 އާއެކު ސެރަމިކް މޮޑެލް އަލުން ތައާރަފުކުރަނީ

އެޕަލް އިން އެންމެ ފުރަތަމަ ސެރަމިކް ބޮޑީ ތައާރަފުކުރީ އެޕަލް ވޮޗް އެޑިޝަން ސީރީޒް 2 ގެ ހުދު ކުލައިގެ މޮޑެލްގައި ----

އެޕަލް ކުންފުނިން ކުރިއަށް އޮތް ހަރީފު މޫސުމުގައި ނެރުމަށް ތައްޔާރުވަމުންދާ އެޕަލް ވޮޗް ސީރީޒް 12 އާއެކު، ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ސެރަމިކް މޮޑެލް އަލުން ތައާރަފުކުރުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

މި އައު ގަޑިއަށް ބޮޑު ބަދަލެއް ނުވަތަ މުޅިން އައު ރީޑިޒައިނެއް ގެންނާނެ ކަމަށް ނުބެލެވުނު ނަމަވެސް، ކުރިން ބޭނުންކުރި ޕްރީމިއަމް ސެރަމިކް މެޓީރިއަލް އަލުން އަނބުރާ ގެނައުމަށް އެޕަލް އިން ދަނީ ވިސްނަމުންނެވެ.

މިކަމާ ގުޅޭގޮތުން ޓެކްނޮލޮޖީ މައުލޫމާތުތައް ލީކުކުރާ ކޮސުޓާމީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ސެރަމިކް އެޕަލް ވޮޗް އަލުން އެނބުރި އަންނަ ކަމަށާއި އެ ބަދަލު ފެންނާނީ ސީރީޒް 12 އިން ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން ވެސް ވަނީ މިއަހަރުގެ ތެރޭގައި އެޕަލް ވޮޗް ސީރީޒް 12 އާއެކު ސެރަމިކް އެޑިޝަން ފެނުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.

2019 ވަނަ އަހަރު ނެރުނު އެޕަލް ވޮޗް އެޑިޝަން ސީރީޒް 5 ގައި ސެރަމިކް މޮޑެލް އަލުން ފެނިގެން ދިޔަ ---

އެޕަލް އިން އެންމެ ފުރަތަމަ ސެރަމިކް ބޮޑީ ތައާރަފުކުރީ އެޕަލް ވޮޗް އެޑިޝަން ސީރީޒް 2 ގެ ހުދު ކުލައިގެ މޮޑެލްގައެވެ. އޭގެ ފަހުން ނެރުނު އެޕަލް ވޮޗް އެޑިޝަން 3 ގައި ހުދު ކުލައިގެ އިތުރުން ގްރޭ ކުލައިގެ ސެރަމިކް ކޭސް ހިމެނިއިރު، 2018 ވަނަ އަހަރު ނެރުނު ސީރީޒް 4 ގައި އެޑިޝަން ސީރީޒް ހިމަނާފައެއް ނުވެއެވެ.

ސީރީޒް 4 އަށްފަހު، 2019 ވަނަ އަހަރު ނެރުނު އެޕަލް ވޮޗް އެޑިޝަން ސީރީޒް 5 ގައި ސެރަމިކް މޮޑެލް އަލުން ފެނިގެން ދިޔަ ނަމަވެސް، ސީރީޒް 6 އިން ފެށިގެން މިއަދާ ހަމައަށް ވެސް އެޕަލް އިން އެ މެޓީރިއަލް ބޭނުންކޮށްފައެއް ނުވެއެވެ.

ކުރިއަށް އޮތް ހަރީފު މޫސުމުގައި މި އައު މޮޑެލް ބާޒާރަށް ނެރެފިނަމަ، މިއީ ވަރަށް އަގުބޮޑު ގަޑިއަކަށް ވާނެ ކަމަށް ބެލެވެއެވެ. ކުރިން ނެރުނު ސީރީޒް 5 ގެ އާދައިގެ މޮޑެލްތައް 399 އާއި 429 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި އަދި ސްޓެއިންލެސް ސްޓީލާއި ޓައިޓޭނިއަމް ކޭސް 699 އަދި 799 ޑޮލަރަށް ވިއްކިއިރު، ސެރަމިކް މޮޑެލްގެ އަގު ފެށިފައިވަނީ 1,299 ޑޮލަރުންނެވެ.

އެޕަލް ވޮޗްގެ ސެރަމިކް މޮޑެލްތަކަކީ އާދައިގެ އެލުމިނިއަމް އަދި ސްޓެއިންލެސް ސްޓީލް ގަޑިތަކާ އަޅާބަލާއިރު މާ ބޮޑަށް ގޭނުމާއި ކޫރުންތަކުން ރައްކާތެރި، ދިގު މުއްދަތަކަށް އައު ކަންމަތީ ހުންނަ ޕްރީމިއަމް ފިނިޝިންއެއް އެކުލެވޭ އުފެއްދުންތަކެކެވެ. މިއީ އެޕަލް އިން އެ ކުންފުނީގެ އެންމެ އަގުބޮޑު "އެޑިޝަން" ލައިންގެ ގޮތުގައި ކުރިން މާކެޓުކުރި ގަޑިތަކަކަށް ވާއިރު، މި ފަހަރުގެ ސީރީޒް 12 އާއެކު ސެރަމިކް އަލުން ގެނެސްފިނަމަ، މިއީ އެންމެ ފަހުގެ ސްމާޓްވޮޗް ޓެކްނޮލޮޖީއާއެކު ލަގްޒަރީ މެޓީރިއަލްތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް ނެރޭނެ ވަރަށް އަގުބޮޑު މޮޑެލްއަކަށް ވާނެއެވެ.

comment ކޮމެންޓް