ސްކްރީން ޝެއާކުރާ ފީޗާއާއި އެކު މެޓާ އޭއައިގެ ޚާއްސަ އެޕެއް މެކަށް ނެރެފި

މި އެޕްލިކޭޝަން ވަނީ ފޭސްބުކް އަދި އިންސްޓަގްރާމާ ގުޅުވާލެވިފައި ---

ސްކްރީން ޝެއާ ކުރެވޭ އަދި އަޑުން ކޮމާންޑް ދިނުމުން ލިޔެވޭ ޑިކްޓޭޝަން ފީޗަރާއެކު މެޓާ އޭއައިގެ މެކް އެޕް ތައާރަފުކޮށްފިއެވެ.

މެޓާ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓް "މެޓާ އޭއައި" ގެ ޚާއްސަ އެޕްލިކޭޝަނެއް އެޕަލްގެ މެކް ކޮމްޕިއުޓަރުތަކަށް ރަސްމީކޮށް ތައާރަފުކޮށްފައިވާއިރު، މިއެޕް އަދި އޮތީ ބީޓާ ވާޝަނެއްގެގޮތުގައެވެ. މިއީ ޚާއްސަކޮށް ވިޔަފާރިތަކަށާއި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް (ކްރިއޭޓަރުންނަށް) އަމާޒުކޮށްގެން ފަރުމާކޮށްފައިވާ އެޕެކެވެ.

މި އެޕްލިކޭޝަން ފޭސްބުކް އަދި އިންސްޓަގްރާމާ ގުޅުވާލެވިފައިވާއިރު، އެކައުންޓްތަކުގެ ޕާފޯމަންސާއި ތަފާސްހިސާބުތަކާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމަށް އެނަލިޓިކްސް ޓޫލްތައްވެސް މީގައި ހިމެނެއެވެ. މީގެއިތުރުން، ޕްރޮފެޝަނަލް ފޭސްބުކް ނުވަތަ އިންސްޓަގްރާމް އެކައުންޓެއް އޮންނަ ފަރާތްތަކަށް، ޑޮކިއުމެންޓްތައް ބޭނުންކުރުމަށްޓަކައި ގޫގުލް ވާކްސްޕޭސް އާ މި އެޕް ގުޅުވާލުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

https://sun.mv/226275

މި އެޕްލިކޭޝަން މެދުވެރިކޮށް، މަސައްކަތްކުރަމުންދާ ވިންޑޯއެއްގެ ސްކްރީން ކެޕްޗާ މެދުވެރިކޮށް ޝެއާކޮށްގެން ވަގުތުން ވަގުތަށް އޭއައިގެ އިރުޝާދާއި އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މެކްގައި ބޭނުންކުރާ ހުރިހާ އެޕްލިކޭޝަނެއްގައިވެސް އަޑުން ލިޔެވޭ ގޮތަށް ބިލްޓް-އިން ޑިކްޓޭޝަން ފީޗަރެއްވެސް މި އެޕުގައި ވަނީ ހިމަނާފައެވެ.

ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ތަކުރާރުކޮށް ކުރަންޖެހޭ މަސައްކަތްތަކާއި ރިމައިންޑާތައް ފުރިހަމަކުރުމުގެ އިތުރުން، ޕްރެޒެންޓޭޝަން ސްލައިޑްތަކާއި، ޑޮކިއުމެންޓްތަކާއި، ސްޕްރެޑްޝީޓްތައް އަމިއްލައަށް ތައްޔާރުކޮށްދިނުމުގެ އާ ގާބިލުކަންވެސް މެޓާ އޭއައިއަށް ވަނީ އިތުރުކޮށްފައެވެ.

މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. ސަބަބަކީ މެޓާގެ ޕްރައިވެސީ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގައި، މެޓާ އޭއައިގެ ފީޗާތައް މެދުވެރިކޮށް ބޭނުންކުރާ މައުލޫމާތުތައް، އެ ކުންފުނީގެ އޭއައި މޮޑެލްތައް އިތުރަށް ތަމްރީނުކުރުމަށް ބޭނުންކުރެވޭތީއެވެ.

މެޓާ އޭއައިގެ މި އެޕްލިކޭޝަނަކީ މުޅިން ހިލޭ ބޭނުންކުރެވޭ އެޕެއް ނަމަވެސް، އެޕް ބޭނުންކުރެވޭ މިންވަރުގެ ލިމިޓް މަތިކުރަން ބޭނުންވާ ފަރާތްތަކަށް "މެޓާ ވަން"ގެ ނަމުގައި ފީއެއް ދައްކައިގެން ބޭނުންކުރެވޭ ޚާއްސަ ޕްލޭންތަކެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

ޓެކްނޮލޮޖީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މެޓާއިން ދަނީ އެ ކުންފުނީގެ މެޓާ އޭއައި އެކި ޕްލެޓްފޯމްތަކަށް ފުޅާކޮށް، ޑެސްކްޓޮޕް މާހައުލުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ގިނަ އާ ފީޗާތަކެއް ނެރެމުންނެވެ. އެގޮތުން ދާދިފަހުން މެކް އަދި ލިނަކްސްއަށް ޚާއްސަކޮށް "މިއުސް ކޯޑް"ގެ ނަމުގައި ކޯޑިން އޭޖެންޓެއްވެސް މެޓާއިން ވަނީ ތައާރަފުކޮށްފައެވެ.

އޯޕަން އޭއައި، މައިކްރޯސޮފްޓް އަދި ގޫގުލް ފަދަ ކުންފުނިތަކާ ވާދަކުރުމުގެ ގޮތުން މެޓާއިން ޑެސްކްޓޮޕް އެޕްލިކޭޝަންތައް ތަރައްގީކުރަމުން އަންނައިރު، ކޮމްޕިއުޓަރުގައި މަސައްކަތްކުރާ ކްރިއޭޓަރުންނާއި ވިޔަފާރިތަކަށް އޭއައި ޓޫލްތައް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ދަނީ އިސްކަންދެމުންނެވެ.

comment ކޮމެންޓް