ތިން ލައްކައަށް ވުރެ ގިނަ ރުފިޔާއެކު، މީހަކު ފޮއްޓެއް ވަގަށް ނެގި ތަން ފެނުނު ނަމަވެސް، ފައިސާތައް ފެނުނީ އެ ފޮށިކަން ފުލުހުންނަށް ކޯޓުގައި ޔަގީންކޮށްނުދެވިއްޖެއެވެ.
މިއީ، ތިން ލައްކަ ރުފިޔާ ހުރި ފޮއްޓެއް މީހަކު ވަގަށް ގެންދިޔަ މައްސަލައެކެވެ. އެ ފޮށި ވަގަށް ގެންދިޔައީ، މާލެ އައި ލޯންޗަކުން ބޭލުމަށްފަހު، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިން ޒޯންއާ ދިމާ ޖެޓީމަތީގައި ބަހައްޓާފައި ހުއްޓައެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހު ހަތަރު ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ، ލ. މުންޑޫ، ސެވެންސްޓާ، ޢަލީ ނާޒިމް (44އ)އެވެ. އޭރު އޭނާ 15 ދުވަހަށް ބަންދުކުރިއެވެ.
އޭނާގެ މައްޗަށް އިތުރު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ، މީނާ ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި، މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ފޮށި ހިފައިގެން އުޅުނު މަންޒަރު ފެނުނު ފުލުހުން ތަހުގީގަށް ދީފައިވާ މައުލޫމާތާއި މައްސަލައާ ގުޅޭ ކެމެރާ ފުޓޭޖުތަކުގެ ސްކްރީންޝޮޓުތަކާއި އޭނާގެ ބަންދު ލޮގު ހިމެނެއެވެ.
އެ އަމުރުގެ އިތުރު ބަޔާނުގެ ބައިން އެނގޭ ގޮތުގައި، ބޮޑުތަކުރުފާނު މަގު، އެޓޯލްސް ޕާކިން ޒޯނާ ދިމާލުގައި ބަހައްޓާފައި ހުރި ލަގެޖު ފޮއްޓެއް ނާޒިމް ވަގަށް ނަގާތަން ފުލުހުންނަށް ފެނުނެވެ.
އެއަށްފަހު، އެ ފޮށީގައި ހުރި ފައިސާ ނަގާ މަންޒަރު ވެސް ފުލުހުންނަށް ފެނުނު ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ އަމުރުގައި ވަނީ ބުނެފައެވެ.
ނާޒިމް ފޮއްޓެއް ގެންގުޅުނު ތަން ފެނުނު ނަމަވެސް، އެއީ ފައިސާތަކާއެކު ގެއްލުނު ފޮށިކަން ފުލުހުންނަށް ޔަގީންކޮށްދެވިފައިނުވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
ފޮށި ވަގަށް ނެގި ކަމަށް ތުހުމަތުވާ ނާޒިމްގެ ބަޔާން ވެސް މިހާރު ނަގާފައިވާތީ، ކޯޓުގައި އޭނާ ވަނީ ލުއި ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައެވެ. އެކަމަކު، ކޯޓުން ވަނީ، އޭނާގެ ބަންދަށް އިތުރު 15 ދުވަސް އިއްޔެ ޖަހާފައެވެ.