ބަންގްލަދޭޝްގެ އާ ރައީސަކަށް އާލަމްގީރު އިންތިޚާބުކޮށްފި

ބަންގްލަދޭޝްގެ އާ ރައީސް، މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު---

ބަންގްލަދޭޝްގެ އާ ރައީސަކަށް، ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އިސް އޮފިޝަލެއް ކަމަށްވާ މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު އިއްޔެ އިންތިޚާބުކޮށްފިއެވެ.

އުމުރުން 78 އަހަރުގެ އާލަމްގީރު އިންތިޚާބު ކާމިޔާބުކުރެއްވީ ޕާލަމެންޓުގައި ނެގި ވޯޓުގައި 255 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް، ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި އުމުރުން 84 އަހަރުގެ އޮލީ އަހުމަދަށް ލިބިވަޑައިގަތީ 88 ވޯޓެވެ.

ރައީސްކަމުގެ މަގާމަށް މީހަކު އިންތިޚާބުކޮށްފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަހާބުއްދީން ސިއްހީ ސަބަބުތަކާ ހުރެ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ ގާނޫނުއަސާސީ ބުނާ ގޮތުން، ރައީސްކަމުގެ މަގާމު ހުސްވާތާ 90 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިޚާބުކުރަން ޖެހެއެވެ.

ދައުލަތުގެ ނޫސް އެޖެންސީ، ބީއެސްއެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޯޓުގެ ކުރިން އާލަމްގީރު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވަނީ އުފާވެރި އަދި ފާގަތި ދައުލަތެއްގެ ހުވަފެން ކަމަށެވެ. އަދި އެއީ މަސައްކަތްތެރިންނާއި އާދައިގެ މީހުންނަށް ދުވާލަކު ދެ އިރު ކާންލިބޭނެ ފަދަ ތަނަވަސްކަން އޮތް ގައުމަކަށް ބަންގްލަދޭޝް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ރައީސްކަމަކީ ގިނައިން ރަސްމިއްޔާތުތަކަށް ޚާއްސަ މަގާމެއް ނަމަވެސް، އެއީ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފްގެ މަގާމެވެ.

ބީއެންޕީން އަލުން ވެރިކަމަށް އައިސްފައިވަނީ 2024 ވަނަ އަހަރު ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓުމަށްފަހުގައެވެ. ހަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން އޭނާ ވަނީ ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް