ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ކިބައިން އެދިއްޖެއެވެ.
މިކަމަށް އެދިފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރު، ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ތޭޖްގާއޯންގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖޭގެ އިގުތިސާދުގައި ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް އިތުރު ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް ހުމާޔޫން ކަބީރު ބާރުއެޅުއްވި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި މިހާރުވެސް އެ ގައުމުގެ އެއް ލައްކައެއްހާ މީހުން މަސައްކަތްކުރަމުންދެއެވެ.
ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނު އޮންނަ ގޮތުން، ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވެނީ ވަކިވަރަކަށް މީހުންނެވެ. ބަންގްލަދޭޝްގެ އަދަދު އިތުރު ވެފައިވާތީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަންގްލަދޭޝްގެ އާންމު މަސައްކަތްތެރިންނަށް އާ ވިސާ ދޫކުރުން ހަރުކަށި ކޮށްފައެވެ. ނަމަވެސް، ބަންގްލަދޭޝް ސަރުކާރުން ދަނީ މި ކޯޓާ އިތުރުކޮށްދީ، އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެއިން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތްކުރަމުންނެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، ދެ ފަރާތަށް ފައިދާހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އެގޮތުން، ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަކީ ބަންގްލަދޭޝްއިން ބޮޑެތި ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށް އެ ގައުމުން ދެކެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި އެ މީހުންގެ ހިއްސާ ބޮޑުކަން ދެ ގައުމުގެ އިސް އޮފިޝަލުންވެސް ފާހަގަކުރައްވައެވެ. މީގެ ކުރިންވެސް ދެ ގައުމުގެ ދެމެދުގައި މަސައްކަތްތެރިންނާ ގުޅޭ އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، މިހާރު އަމާޒު ހިފާފައިވަނީ ގަވާއިދާ އެއްގޮތަށް، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ. ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާއި އާންމު ހިދުމަތްތަކުގެ ދާއިރާގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން މުހިންމު ދައުރެއް އަދާކުރަމުންދާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އިދާރާތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ދެ ގައުމުގެ ސަރުކާރުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް އެކި ފަހަރުމަތިން ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުމަށްފަހު، ދެ ގައުމުގެ ކަމާބެހޭ ވުޒާރާތަކުން ގުޅިގެން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.