'ލިވާ ފައިބްރޯސިސް': ފުރަމެއަށް ލިބެމުންދާ ސީރިއަސް ގެއްލުމެއްގެ ނިޝާންތަކަކަށް ވެދާނެ

'ލިވަރ ފައިބްރޯސިސް' އަކީ ފުރަމޭއަށް ލިބެމުންދާ ސީރިއަސް ގެއްލުމެއްގެ ކުރީގެ ނިޝާންތަކަކަށް ވެދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ

އެއްވެސް ސަބަބަކާ ނުލައި ވަރުބަލިވުމާއި، ބަނޑު ފުއްޕުމާއި، ނުވަތަ ކާހިތްނުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ދިމާވާ ކަންކަމެވެ.

ގިނަ ފަހަރަށް މިއީ އަރާމު ނުލިބުމުގެ ސަބަބުން ނުވަތަ ރޯގާގެ އަލާމާތެއް ކަމަށް ބަލައި ގިނަ ބަޔަކު މިކަންކަމަށް ފަރުވާކުޑަކުރެއެވެ.

ނަމަވެސް، މިއީ ފުރަމޭއަށް ލިބެމުންދާ ސީރިއަސް ގެއްލުމެއްގެ ކުރީގެ ނިޝާންތަކަކަށް ވެދާނެއެވެ. މީގެ ތެރެއިން އެއް ކަމަކީ 'ލިވަރ ފައިބްރޯސިސް'އެވެ.

ސިއްހީ ބަހުރުވައިން ބަލާއިރު، 'ލިވަރ ފައިބްރޯސިސް' އަކީ ފުރަމޭގައި ތަކުރާރުކޮށް އިންފްލެމޭޝަން ނުވަތަ ދުޅަވުން އުފެދުމުގެ ސަބަބުން، ފުރަމޭގެ މަޑު މަސްތަކުގެ ބަދަލުގައި ހަރު ޓިޝޫތަކެއް އުފެދުމެވެ.

ފުރަމޭއަކީ އަމިއްލައަށް މަރާމާތުވުމުގެ އާދަޔާ ހިލާފު ގާބިލުކަމެއް ލިބިގެންވާ ގުނަވަނެކެވެ. ނަމަވެސް، ވައިރަހެއްގެ ސަބަބުން ނުވަތަ ވިހަ މާއްދާތަކާއި ސަރުބީ އިތުރުވުމުގެ ސަބަބުން ފުރަމޭ ދުޅަވުން މެދުނުކެނޑި ދެމިގެންދާނަމަ، ފުރަމޭގެ ދިރުންތަކަށް ގެއްލުންވެ، ހަށިގަނޑުން އެކަން ރަނގަޅު ކުރަން މަސައްކަތް ކުރާއިރު މި ދެންނެވި ހަރު ޓިޝޫތައް އުފެދެން ފަށައެވެ.

ދުވަސްވާވަރަކަށް މި ހަރު ޓިޝޫތައް އިތުރުވެ، ފުރަމޭގެ ދުޅަހެޔޮ ސެލްތަކުގެ ބަދަލުގައި އެ ތަންތަން ހިސާރުކުރެއެވެ. މީގެ ސަބަބުން ފުރަމޭގެ ތެރޭގައި ލޭ ދައުރުވުމަށް ހުރަސްއެޅި، އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ 'ސިރޯސިސް' ނުވަތަ ފުރަމޭ މުޅިން ހަލާކުވުމާ ހަމައަށް ކަންތައްތައް ދެއެވެ.

'ލިވަރ ފައިބްރޯސިސް' ހުންނަކަމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ--ފޮޓޯ/އީއެމްސީ

ފައިބްރޯސިސްގެ ކުރީކޮޅު ނުވަތަ މެދު މިންވަރަކަށް ބަލި ހުންނައިރު އެއްވެސް އަލާމާތެއް ފެނުމަކީ ނާދިރު ކަމެއް ކަމަށް އީއެމްސީ އަލާމް ސުޓޭރާ ހޮސްޕިޓަލްގެ އެތެރެހަށީގެ ބަލިތަކާއި ފުރަމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ނެއްލާ ސުހުޔަންލީ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭގެ އެންމެ ބޮޑު ސަބަބަކީ ފުރަމޭގެ ދުޅަހެޔޮކޮށް ހުންނަ ބައިން، ހަލާކުވެފައިވާ ބައިގެ މަސައްކަތްތައް ފޫބައްދައިދޭތީއެވެ.

ފައިބްރޯސިސްގެ ކުރީކޮޅު އާންމުކޮށް ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި، އަރާމުކުރުމުންވެސް ފިލައިނުދާ ވަރުބަލިކަން، ބަނޑު ފުއްޕާފައި ހުރުން ނުވަތަ ބަނޑުގެ މަތީ ކަނާތް ފަރާތުގައި އުނދަގޫ އިހުސާސްވުން، ކާހިތްވުން މަޑުމަޑުން ކުޑަވުން އަދި ނިދި ހަމަނުވުމާއި ހަށިގަނޑުގައި ވަރުނެތުން ހިމެނެއެވެ.

މީގެއިތުރުން ބަލި ބޮޑުވާން ފެށުމުން ފައިގެ ތަނބިކަށި ދުޅަވުމާއި، ހަންގަނޑު މިލައިގެން ދިއުމާއި، އަދި އަވަހަށް ނޫފައިގަތުން ފަދަ ކަންކަން ވެސް ދިމާވެއެވެ.

މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެތެރޭ، ފުރަމޭގައި ސަރުބީ ޖެހިފައިވާ މީހުން، ދިގުމުއްދަތަކަށް ހެޕަޓައިޓިސް ބީ ނުވަތަ ސީ ޖެހިފައިވާ މީހުން، ގިނަ އަދަދަކަށް ބަނގުރާ ބޭނުންކުރާ މީހުން، ޑޮކްޓަރެއްގެ ލަފައާ ނުލައި ދިގުމުއްދަތަކަށް ބާރުގަދަ ބޭސްތަކާއި ސަޕްލިމެންޓްތައް ބޭނުންކުރާ މީހުން އަދި އޮޓޯއިމިއުން ބަލިތަކާއި ގޯލްޑް ބްލެޑާގައި މައްސަލަ ހުންނަ މީހުން ހިމެނެއެވެ.

ފުރަމޭގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ގަވައިދުން ކަސްރަތުކޮށް ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުމުގެ ވަށްޓަފާޅި ބެހެއްޓުމަކީ މުހިއްމު ކަމެއް--ފޮޓޯ/ފޭސްބުކް

ފައިބްރޯސިސްއިން ސަލާމަތްވުމަށްޓަކައި ފުރަމޭ ދުޅަވުމުން ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދެވިދާނެއެވެ. އެގޮތުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންކަމުގެތެރޭ، ކުރާއި ސަރުބީ ގިނަ ކާނާ މަދުކުރުން، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން، ހެޕަޓައިޓިސް ބީ އަށް ވެކްސިން ޖެހުން، ނުރައްކާތެރި އާދަތަކާ ދުރުވުން އަދި ޑޮކްޓަރުގެ އިރުޝާދާ ނުލައި އަމިއްލައަށް ބޭސް ބޭނުންނުކުރުން ހިމެނެއެވެ.

އުފާވެރި ޚަބަރަކީ، ސިރޯސިސްއާ ހިލާފަށް، ފައިބްރޯސިސްގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ، ފުރަމޭ އަލުން އިއާދަކުރެވިދާނެއެވެ. ބަލި ދެނެގަތުމަށްޓަކައި ލޭގެ ޓެސްޓުތަކާއި 'ފައިބްރޯސްކޭން' ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރެވެއެވެ. އެހެންކަމުން ފުރަމޭގެ ސީރިއަސް ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަވަހަށް ބަލި ދެނެގަތުމަކީ މުހިންމު ކަމެކެވެ.

comment ކޮމެންޓް