ކުޑަކުދިންނަށް ދިގުލައިގެންދާ ގޮތަށް ކެއްސުމާއި ރޯގާ ޖެހެން މެދުވެރިވާ ތަފާތު ސަބަބުތަކާއި، އެކަމަށް ދެވޭނެ އެންމެ އެކަށީގެންވާ ފަރުވާތަކާބެހޭ މައުލޫމާތަކީ ކޮންމެ ބެލެނިވެރިއަކަށްވެސް ނުހަނު މުހިއްމު މައުލޫމާތުތަކެކެވެ.
ކުޑަކުދިންނަށްޖެހޭ ގިނަ ކެއްސުމާއި ރޯގާ އަކީ ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކެވެ. މިފަދަ ހާލަތްތަކުގައި އާންމުކޮށް އެއް ހަފުތާއާއި ދެ ހަފުތާއާ ދެމެދު އަމިއްލައަށް ބަލި ރަނގަޅުވެއެވެ.
ކުއްޖާ ހަރަކާތްތެރިވެ އުޅޭނަމަ، ކައިބޮއި ހަދާނަމަ، އަދި ނޭވާލާން އުނދަގޫވުމެއް ނުވަތަ ގަދަ ހުން އައުމެއް ނެތްނަމަ، ބެލެނިވެރިން މާބޮޑަށް ކަންބޮޑުވާން ނުޖެހޭނެ ކަމަށް އީއެމްސީ ޕެކަޔޮން ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އިރްދިއާން ނޮފްރިއަންޝާ ތައިމް ވިދާޅުވެފައިވެއެވެ. މިފަދަ ހާލަތްތަކުގައި ގިނައިން ދިޔާ އެއްޗެހި ދިނުމާއި، ފައިދާހުރި ކާނާ ދިނުމުގެ އިތުރުން ކުއްޖާއަށް އަރާމުކުރަން ފުރުސަތު ދިނުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
ނަމަވެސް، ބަލީގެ އަލާމާތްތައް ގޯސްވަމުންދާނަމަ ނުވަތަ ދިގުލައިގެންދާނަމަ، ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.
ބަލި ރަނގަޅުނުވެ ދިގުލައިގެން ދިއުމަށް މެދުވެރިވާ ސަބަބުތައް
ކެއްސުމާއި ރޯގާ އާންމު މުއްދަތަށްވުރެ އިތުރަށް ދެމިގެންދާ ބައެއް ސަބަބުތަކުގެ ތެރޭގައި، ތަކުރާރުކޮށް ވައިރަލް އިންފެކްޝަން ޖެހުން، އެލާޖީގެ އަލާމާތްތައް ހުރުން، ސައިނަސް، ނޭވާހިއްލުން އަދި ބެކްޓީރިއަލް އިންފެކްޝަން ހިމެނެއެވެ.

އާއްމުކޮށް ޖެހޭ ވައިރަލް ހުމާއި ރޯގާއިން ކުދިން ރައްކާތެރި ކުރުމަށް މާސްކު ބޭނުންކުރުމަށް ކުދިންނަށް އާދަކުރުވުމަކީ ކުދިންގެ ކިބައިގައި ހަރުލެއްވިދާނެ މުހިއްމު އާދައެއް--ފޮޓޯ/އީއެމްސީ
ތިރީގައިވާ ކަންކަމުން ކުރެ ކަމެއް ކުއްޖާގެ ފަރާތުން ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑރ. އިރްދިއާން ނޮފްރިއަންޝާ ތައިމް އިރުޝާދު ދެއްވައެވެ.
• ކެއްސުމާއި ރޯގާ 10-14 ދުވަހަށްވުރެ އިތުރުވުން.
• ގަދައަށް ހުން އައުން ނުވަތަ ރަނގަޅުވުމަށްފަހު އަލުން ހުން އައުން.
• ނޭވާލާން އުނދަގޫވުން ނުވަތަ އާންމުކޮށް ނޭވާލާ ވަރަށްވުރެ އަވަހަށް ނޭވާލުން.
• ތުންފަތް ނުވަތަ އިނގިލިތަކުގެ ކުރި ނޫކުލަވުން.
• ކުއްޖާއަށް ކައިބޮއި ހަދަން އުނދަގޫވުން.
• ކުއްޖާ މާބޮޑަށް ވަރުދެރަވުން ނުވަތަ މާގިނައިން ނިދި އައުން.
• ކެއްސުމާއެކު ހޮޑުލެވުން ނުވަތަ ނޭވާލާއިރު އަޑު ހުރުން.
ޑޮކްޓަރަށް ދެއްކުމަށްފަހު ވެސް ކުއްޖާ އަވަހަށް ރަނގަޅުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ކުއްޖާއަށް ފުރިހަމަ އަރާމު ލިބޭކަން ކަށަވަރުކުރުން، ގިނައިން ދިޔާ އެއްޗެހި ދިނުން، ފައިދާހުރި ކާނާ ދިނުން، ގޭތެރެއާއި އަތްތިލަ ސާފުކޮށް ބެލެހެއްޓުން، ދުމުގެ އަސަރުން (ހާއްސަކޮށް ސިނގިރޭޓް ދުން) ކުއްޖާ ދުރުހެލިކުރުން އަދި ބޭސް ބޭނުންކުރުމުގައި ޑޮކްޓަރުގެ ލަފާ ހޯދުން ހިމެނެއެވެ.
ކުޑަކުދިންނަށް ޖެހޭ ކެއްސުމާއި ރޯގާއަކީ އާންމުކޮށް ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކަކަށްވީ ނަމަވެސް ބަލި ދިގުލައިގެންދާނަމަ ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެންނަނަމަ، އެއީ އެލާޖީ، ސައިނަސް ނުވަތަ ނޭވާހިއްލުން ފަދަ ކަމެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ލަސްނުކޮށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ ބަލި އަވަހަށް ރަނގަޅުވެ، އިތުރު ނުރައްކާތަކުން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތެވެ.