ދުންފަތާ ގުޅޭކަންކަން ނިންމަނީ ދިރާސާތަކާއި ފަންނީ މަޢުލޫމާތަށް ބަލައިގެން: ޤީލާ

ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ---

ދުންފަތާ ގުޅޭ ކަންކަމުގައި މި ސަރުކާރުން ނިންމުންތައް ނިންމަނީ ދިރާސާތަކާއި ފަންނީ މަޢުލޫމާތަށް ބަލައިގެން ނަތީޖާ ނެރެވޭ ގޮތަށް ކަމަށް، ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ދުންފަތް ހުއްޓުވުމަށް ކަނޑައަޅާފައިވާ "ދެން ހުއްޓާލަމާ" ކެމްޕެއިނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުން ފައްޓަވައިދެއްވަމުން ޤީލާ ވިދާޅުވީ، ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް އެހެން އެއްވެސް ސަރުކާރަކުން ނުދޭހާ އަހައްމިއްޔަތުކަން މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދުންފަތުން ރައްކާތެރި މުޖުތަމައެއް ބިނާކުރުން ކަމަށާއި، މިހާތަނަށްވެސް މުހިންމު ނިންމުންތަކެއް ނިންމައި ތަންފީޒުކުރަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ޖެނެރޭޝަނަލް ބޭން ކަނޑައެޅިއްޖެ، ހުރިހާ ރަށްތަކުގައި ސިޒޭޝަންގެ ޚިދުމަތް ހިލޭ ލިބޭނެ ގޮތް ހަމަޖެއްސިއްޖެ އަދި މިކަންކަމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރަން ކަންކަން ދަނީ ކުރަމުން. ކޮންމެ ގާނޫނީ އަދި އިދާރީ ނިންމުމެއް ނިންމަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ފަންނީ ދިރާސާތަކާއި ސާބިތު ހެއްކަށް ބަލައި ނަތީޖާ ނެރެވޭގޮތަށް. އަދި ކުރިމަގުގައި އެކަން ދެމެހެއްޓޭނެގޮތަށް," ޤީލާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ނިންމާފައިވަނީ ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ކަމަށް ޤީލާ ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި ސަރުކާރުން ފުރަތަމަ ވަނީ ސިނގިރޭޓުގެ އަގު ވަރަށް ބޮޑަށް އުފުލާފައެވެ. ނަމަވެސް އޭގެ ސަބަބުން ވަގު ސިނގިރޭޓުގެ ވިޔަފާރި އިންތިހާއަށް އިތުރުވެގެން ދިޔުމާ ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށް ބުނެ ފަހުން ވަނީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށްފައެވެ. ޑިއުޓީ ކުޑަކުރުމާއެކު ރާއްޖޭގެ ބާޒާރުގައި ސިނގިރޭޓުގެ އަގު ދަށްވެފައިވާއިރު، މިއީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ.

comment ކޮމެންޓް