އެސްޓީއޯއިން ޖީއީ ހެލްތުކެއާގެ ޕޯޓަބަލް އަލްޓްރާސައުންޑް ސްކޭން ރާއްޖެއަށް ތަޢާރަފުކޮށްފި

ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީއީ ހެލްތުކެއާއިން ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑް ސްކޭން، "ވީ ސްކޭން" ގެ މޮޑެލްތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޑިވައިސްތައް ތަޢާރަފުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި، ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދީޝް ބާބޫއެވެ.

އެސްޓީއޯގެ ހެލްތުކެއާ ޓީމުން ބުނި ގޮތުގައި، އަލަށް ތަޢާރަފުކުރި ޕޮކެޓް ސައިޒުގެ މި ސްކޭން މޮޑެލްތަކުގެ ސަބަބުން، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ބޭރުގައި، ބަލިމީހާއާ ވީހާވެސް ގާތުން ސްކޭންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ކުދި ރަށްރަށަށް ސްކޭންގެ ޚިދުމަތް ފުޅާކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ މި މޮޑެލްތަކަކީ އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކުގެ އިތުރުން ލެޕްޓޮޕަށް ވެސް ފަސޭހަކަމާއެކު ގުޅާލެވޭ ގޮތަށް އުފައްދާފައިވާ ޑިވައިސްތަކެކެވެ. އަދި ސްކޭންކުރާ އިމޭޖްތައް ޑައިކޮމް ސްޓޭންޑަޑްގައި ފަސޭހަކަމާއެކު އެހެން ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.

ޖީއީ ހެލްތުކެއާއަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގުބޫލު، އަދި ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރު ވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ބްރޭންޑެކެވެ. ރާއްޖޭގައި މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެސްޓީއޯއިން ބުނި ގޮތުގައި، މި މެޝިންތަކުގެ އާފްޓާ ސޭލްސް ސާވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި، އެ ކުންފުނީގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީ ހެލްތުކެއާގެ ކޮންމެ މޮޑަލިޓީއަކަށް ޚާއްސަ އިންޖިނިއަރުން ތަމްރީނުކޮށް، މަސައްކަތަށް ނެރެފައެވެ. އޭގެ ތެރޭގައި އެމްއާރުއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާސައުންޑް ފަދަ މޮޑަލިޓީތަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތްއިރު، މި ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެ ކުންފުނިން ޚާއްސަ ގޮތެއްގައި ފާހަގަކުރެއެވެ.

ރޭ ތަޢާރަފުކުރި ޑިވައިސްއަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މި ދާއިރާއަށް ޚާއްސަ އީޖާދީ އުފެއްދުންތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް