މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކޮށްފިއެވެ.
ޕެންޝަން އޮފީހުން މިއަދު ބުނި ގޮތުގައި، ފަސް އަހަރު ދުވަހުގެ މި ދައުރުގެ މަސައްކަތް އޭނާ ފައްޓަވާނީ އަންނަ އާދިއްތަ ދުވަހުއެވެ.
ޔަޒްމީދު އެންމެ ފަހުން ހުންނެވީ, ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި, ޖްޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މޭމަހުއެވެ.
ޔަޒްމީދަކީ ފައިނޭންސް، ގަވަނަންސް އަދި ޕަބްލިކް ސެކްޓާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް އޮޑިޓިން، އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް މެނޭޖުމެންޓު، ސްޓްރެޓެޖިކް މެނޭޖުމެންޓު އަދި އިންވެސްޓުމެންޓުގެ ދާއިރާއިން އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ. ތައުލީމީ ގޮތުން ބަލާއިރު، ޔަޒްމީދަކީ އޭސީސީއޭ ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެކެވެ.
އޭނާ ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައި، އޮކްސްފޯޑު ބްރޫކްސް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ފަސްޓް ކްލާސް އޮނާސް ޑިގްރީއެއް ފުރިހަމަކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައިވާ ޔަޒްމީދު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިޚާބުން އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.
ޔަޒްމީދު ޕެންޝަން އޮފީހާ ހަވާލުވެވަޑައިގަންނަވާއިރު، އެ އޮފީހުގެ ބޯޑުން ދާދި ފަހުން ނިންމި ނިންމުމަކާ ގުޅިގެން ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރަން ބޯޑުން ނިންމުމާ ގުޅިގެން، އެއީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ބުނެ ބޯޑުގެ ބައެއް މެންބަރުންނާއި އިސް ބައެއް ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ސީއީއޯ އާއި ޗެއާމަންއާއި އެހެން އިސްވެރިން ވެސް ހިމެނެއެވެ.