މަމްދޫހްގެ ފާޑުކިޔުން އެމްޑީޕީއަށް: ކަޅު ބާޒާރާ ދެކޮޅަށް ކުރާ ކޮންމެ ކަމަކާ އެމްޑީޕީ ދެކޮޅުވާނެ!

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް -- ފޮޓޯ: މަޖިލިސް

ކަޅު ބާޒާރާ ދެކޮޅަށް ކުރާ ކޮންމެ ކަމަކާ އެމްޑީޕީ ދެކޮޅުވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފޮރިން އެކްސްޗޭންޖް ބިލަށް އިސްލާހު ހުށަހެޅުއްވި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ ރޭޓުތައް ނޫސްތަކުގައި ރިޕޯޓުކުރުން ޖިނާއީ ކުށަކަށް ހަދައި، ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފޮރިން އެކްސްޗޭންޖް ބިލަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން އެމްޑީޕީއާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަމްދޫހް ވިދާޅުވީ ޑޮލަރުގެ ކަޅުބާޒާރާ ދެކޮޅަށް، މި ގައުމުގައި ކުރި އަދި ކުރާ ކޮންމެ ކަމަކާ އެމްޑީޕީ ދެކޮޅުވާނެ ކަމަށެވެ. އަދި މާޒީން ވެސް ފެންނަން އޮތީ މި ހަގީގަތް ކަމަށާއި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން މަނާކޮށް ބިލަށް ގެނެވުނު އިސްލާހާ މިއަދު ވެސް އެމްޑީޕީ ހެދީ ދެކޮޅު ކަމުން މާދަންވެސް ދެކޮޅުވާނެ ކަމަށް ވިދާޅުވެ އޭނާ ފާޑުވިދާޅުވިއެވެ.

https://x.com/Mamdooh_Yoonus/status/2090046653579571509

މަމްދޫހް ވިދާޅުވީ ސިއްރުގައި ވެސް އަދި ފާޅުގައި ވެސް އިސްތިހާރުކޮށް، ޕްރޮމޯޓުކޮށްގެން ޑޮލަރު ވިއްކުން މަނާ ކުރުމުން އެމްޑީޕީ އަދި މާ ރުޅިގަދަ ވެއްޖެ ކަމަށެވެ.

މި ދާވަރުން މި ޑޮލަރުގެ ކަޅު ބާޒާރުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ވެސް އަދި ދިވެހީންނަށް ފާޅުވާ ވަރަށް ތިލަވާނެ! ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމާ، އެކި އެކި ދޮގު ސަބަބު ދައްކަމުން މިއަދު ވެސް އެންމެ ދެކޮޅު މިހަދަނީ އެމްޑީޕީން. ވިސްނާލަންވީ ކީއްވެގެންތޯ!؟ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ބިލަށް މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުގައިވާ ގޮތުން، ރަސްމީ ރޭޓު ނުވަތަ ކަނޑައެޅިފައިވާ ބޭންޑަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ރޭޓުތައް އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

މީގެ ތެރޭގައި އެފަދަ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުން އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

https://sun.mv/226252

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އަމަލެއް ހިންގައިފި ނަމަ ކަނޑައެޅޭ އަދަބަކީ -/25،000 (ފަންސަވީސް ހާސް) ރުފިޔާއާއި -/500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި އިސްލާހާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ، ކަޅު ބާޒާރުގެ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުން މަނާ ކުރުމަކީ "ގެގް އޯޑަރެއް"ގެ ގޮތުގައި ސިފަކުރައްވައިފައެވެ.

https://sun.mv/226258

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް ރިޕޯޓުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި ޖޫރިމަނާ ކުރެވޭ ގޮތް ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަކީ ނުރައްކާތެރި ކަމެއްގެ ފެށުން ކަމަށާއި، ރާއްޖޭގެ މާލީ ނިޒާމުގައި ހުރި އުނިކަންތައްތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ފުރުޞަތު މީޑިއާތަކަށް އޮންނަންޖެހޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް