ރާއްޖޭގެ ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ ރޭޓުތައް ނޫސްތަކުގައި ރިޕޯޓުކުރުން ޖިނާއީ ކުށަކަށް ހަދައި، ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފޮރިން އެކްސްޗޭންޖް ބިލަށް ގެނެސްފައިވާ އިސްލާހުތައް އިދިކޮޅު އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން މިރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ފޮރިން އެކްސްޗޭންޖް ގާނޫނެއްގެ ތެރެއިން ކުރި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ސީދާ އަމާޒުކޮށްގެން ދެވޭ ހަމަލާއެއް ކަމަށެވެ. އަދި ނޫސްވެރިން ރިޕޯޓުކުރަނީ ދިވެހި ރައްޔިތުންނަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ހަގީގީ ރޭޓު ކަމަށާއި، ނޫސްވެރިންނަށް އަދަބު ދިނުމަކީ ތަކެތީގެ އަގު ހެޔޮވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ.
މީގެއިތުރުން މިއީ ތަކެތީގެ އަގާއި މާލީ ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް އަރައިގަތުން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ މިއީ މިނިވަން މީޑިއާތަކުގެ އަޑު ކެނޑުވުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ. އަދި މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ނުރައްކަލަކީ ސަރުކާރުގެ އަމިއްލަ އިހުމާލުން ވެފައިވާ ކަމެއް ކަމަށާއި، ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ދަރަނި ބޮޑުވެ، ނުރައްކާތެރި ހާލަތަކަށް ގޮސްދާނެކަމުގެ އިންޒާރު ދެމުންދާތާ ދެ އަހަރުވެފައިވާކަން އެމްޑީޕީން ފާހަގަކުރިއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުތަކާ ހަވާލާދީ އެމްޑީޕީން ބުނީ، ސަބްސިޑީ ރީފޯމްކުރުމާއި، ކެޕިޓަލް ޚަރަދުތައް ކުޑަކުރުމާއި، ދައުލަތުގެ ކުންފުނިތައް ރީސްޓްރަކްޗާ ކުރުން ފަދަ އަސާސީ އިސްލާހީ މަސައްކަތްތައް ސަރުކާރުން ފަސްކުރަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި ޖީޑީޕީގެ 130 އިންސައްތައިގައި ހުރިއިރު، އެ އަދަދު 140 އިންސައްތައަށް އަރައިގެންދާނެ ކަމަށް ބެލެވޭ ކަމަށާއި، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ މަހަކަށްވުރެ ކުޑަ މުއްދަތެއްގެ އިމްޕޯޓަށް ފުދޭވަރުގެ މާލީ ވަސީލަތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޑޮލަރުގެ ހަގީގީ ރޭޓު ފޮރުވުމަކީ ބްލެކް މާކެޓް އިތުރަށް ވަގު ވިޔަފާރިއަށް ބަދަލުވެ، ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް. ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ސަރުކާރު ޖަވާބުދާރީނުކުރުވާތީ، މީޑިއާއަކީ ސަރުކާރުގެ ޚަރަދުތަކާއި އިސްރާފުތައް ފާރަވެރިވުމަށް އޮތް އެންމެ ފަހު ވަސީލަތް، އެމްޑީޕީ
އެހެންކަމުން، މަޖިލީހަށް ހުށަހަޅާފައިވާ މި އިސްލާހުތައް އަނބުރާ ނެގުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށާއި މަޖިލީހުގެ މެންބަރުންނަށް ގޮވާލާފައެވެ.
ހަމައެއާއެކު ޑޮލަރުގެ ތަދުމަޑުކަމަށް ހައްލެއް ލިބޭނީ ނޫސްވެރިންގެ އަޑު ކަނޑުވައިލުމުގެ ބަދަލުގައި، ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، އިގްތިސާދީ އިސްލާހުތައް ހަރުދަނާކަމާއެކު ތަންފީޒުކޮށްގެން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.