ދުންފަތުގެ ބާވަތްތަކެއް އެތެރެކުރުމުން ކަސްޓަމްސްއިން ކުރި 105،157.20 ރުފިޔާގެ ޖޫރިމަނާ ބާތިލުކުރުމަށް އެދި "އިނަ މޯލްޑިވްސް" ގެ ބާނީ މުހައްމަދު ފިރާގު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އިއްޔެ ބޭރުކޮށްލައިފިއެވެ.
ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ނިންމެވި މި މައްސަލައިގައި ދައުލަތުން ފާހަގަކުރީ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައިދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ކޯޓަށް ޖުޑީޝަލް ރިވިއުގެ މައްސަލައެއް ހުށަހެޅޭނީ ގާނޫނުގައިވާ އިދާރީ މަރުހަލާތަކާއި ފަރުވާތައް ހޯދަން މަސައްކަތްކޮށް، އެކަމުން ހައްލެއް ނުލިބިއްޖެ ހާލަތެއްގައި ކަމަށް ދައުލަތުން ބުންޏެވެ.
މައްސަލަ ނިންމާފައިވަނީ ދައުލަތުން ފާހަގަކުރި ނުކުތާއަށް ތާއީދުކޮށެވެ. ގާނޫނުގައި ކަނޑައަޅާފައިވާ އިދާރީ މަރުހަލާތަކުގެ ތެރެއިން މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްނުކޮށް ސީދާ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި މައްސަލަ ބަލައި، ކުރިއަށް ގެންދިއުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފިރާގު "ސަން" އަށް ވިދާޅުވީ، އެއީ މި ފަހުން ދެ ކާޓަން ސިނގިރޭޓު ގެނައުމުން ކުރި ޖޫރިމަނާއެއް ކަމަށާއި، ރާއްޖެ އައި ވަގުތު ކަސްޓަމްސްއިން އެހުމުން އަތުގައި ސިނގިރޭޓު ހުރި ކަމަށް އެއްބަސްވެލެއްވި ކަމަށެވެ.
ބޮޑު އަދަދަކުން އޭނާ ޖޫރިމަނާ ކުރިއިރު މީގެ ކުރިން ހަމަ މިފަދަ އެހެން މައްސަލައެއްގައި ކަސްޓަމްސްއިން އެތަކެތި ހަމައެކަނި ހިފެހެއްޓީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގެ އުސޫލު މި ސަރުކާރުން ވަނީ ވަރަށް ހަރުކަށި ކޮށްފައެވެ. އެގޮތުން އަމިއްލަ ބޭނުމަށް ވެސް މިހާރު ރާއްޖެ އެތެރެ ކުރެވޭނީ އެންމެ ފޮއްޓެކެވެ.
އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ފިރާގަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންސީ ކަމަށްވާ "އިނަ މޯލްޑިވްސް ހޮލިޑޭސް" ގެ ވެރިޔާއެވެ. އޭނާއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، އިގުތިސާދީ އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންނާއި، ގައުމީ އެކި މައްސަލަތަކުގައި ސޯޝަލް މީޑިއާ އާއި މީޑިއާތައް މެދުވެރިކޮށް ހިޔާލުފާޅުކުރައްވައި އަޑުއުފުއްލަވާ އިސް ބޭފުޅެކެވެ.