އަގު ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހެދުމަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އިސްލާހު ގެނެސްފިއެވެ.
މި ބިލަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އިސްލާހެއްގައި ވަނީ، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަން ވާނީ އިދާރާތަކުން ކަނޑައަޅާ ރޭޓު ނުވަތަ ބޭންޑުތަކަށް ވުރެ މަތިނުވާ ގޮތުގެ މަތިން ކަމަށެވެ.
އެހެން ނޫން ނަމަ ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތައް 25،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް ހެދުމަށް މަމްދޫޙް ވަނީ ހުށަހަޅުއްވައިފައެވެ. ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމިޓީން ވަނީ އެ ގޮތަށް ފާސްކޮށްފައެވެ.
މަމްދޫޙް ހުށަހެޅުއްވި އެ އިސްލާހާ ގުޅިގެން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތްކުރާ ފަރާތްތައް، އެ ފަރާތްތައް ޑޮލަރު މާރުކުރާ ވަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްގެން ނުވާނެ ކަމަށެވެ. ކުށުގެ ބޮޑުމިނަށް ބަލައި ޖޫރިމަނާކުރާއިރު ހަމައެއް އޮންނަން ޖެހޭނެ ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަސްމީ ރޭޓު ނުވަތަ ކަނޑައެޅިފައިވާ ބޭންޑަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ރޭޓުތައް އިޝްތިހާރު ކުރުން މަނާކުރުމަށް ވެސް މަމްދޫޙް ވަނީ ހުށަހަޅުއްވައިފައެވެ.
އޭގެ ތެރޭގައި އެފަދަ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުން އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.
އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އަމަލެއް ހިންގައިފި ނަމަ ކަނޑައެޅޭ އަދަބަކީ -/25،000 ރުފިޔާއާއި ބައިމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ސަރުކާރު ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑު ފަދަ ތަންތަނަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ރިސޯޓުތަކަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިތުރުން، ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭ ގޮތަށް އިޚްތިޔާރުކޮށްފައެވެ. ނަމަވެސް ޢަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ ދެން ރިސޯޓުތަކުން ޖެހޭނީ ކޮންމެ މަހަކު އެ ތަންތަނަށް ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން އެކަންޏެވެ.
މި އިސްލާހު ފާސްކުރަން މާލިއްޔަތު ކޮމިޓީން ތަޅުމަށް އިއްޔެ ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އެ ބިލު އިތުރަށް ދިރާސާކުރަން އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.