ކުލަބު ލެގޫންްސްގެ އިންތިޚާބުގެ މައްސަލައިގައި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠަލާލް ކޯޓުގެ ޙުރުމަތް ކަނޑައިފިކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި ލެގޫންސްގެ އާންމު މެމްބަރުންތަކެއް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ރައީސަށް ރަސްމީކޮށް މައްސަލައެއް ހުށައަޅައިފިއެވެ.
މި މައްސަލައަކީ ލެގޫންސް ކުލަބުގެ ހިންގުމާއި އިންތިޚާބާ ގުޅޭގޮތުން ސިވިލް ކޯޓުން ނެރެފައިވާ އަމުރުތަކަށް ސްޕޯޓްސް ކޮމިޝަނަރު ޢަމަލުކުރައްވާފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލަ ހުށައެޅުއްވި ދެ މެމްބަރުންނަކީ ލެގޫންސްގެ ލެގޫންސްގެ އަބްދުލް ވާހިދާއި އަހުމަދު އަލީއެވެ.
މައްސަލައިގެ ފެށުމަކީ ލެގޫންސް ކުލަބުގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން ކުލަބުގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކެވެ. މިކަމާ ގުޅިގެން 17 ޖޫން 2026 ގައި ސިވިލް ކޯޓުން ވަނީ، ކުލަބުގެ ވައިބާ ގުރޫޕް މެދުވެރިކޮށް ބޭއްވި އިންތިޚާބާއި، އެއަށްފަހު މެންބަރުން ވަކިކުރަން ނިންމި ނިންމުންތަކަކީ ޤާނޫނީ ގޮތުން ބާޠިލު ނިންމުންތަކެއް ކަމަށް ޙުކުމްކޮށްފައެވެ.
ކޯޓުގެ ނިންމުމުގައިވާ ގޮތުން ކުލަބުގައި މިހާރު އޮތީ ޤާނޫނީ ގޮތުން ޞައްޙަ ހިންގާ ކޮމިޓީއެއް ނޫން ކަމަށްވާތީ ކޯޓުގެ ޙުކުމާ އެއްގޮތަށް ކަންކަން ބަދަލުކުރަންޖެހެއެވެ. މީގެ އިތުރުން ކުލަބުގެ ފައިސާ ބެލެހެއްޓުމުގައި ހުރި ނޭދެވޭ މައްސަލަތަކަކާ ގުޅިގެންވެސް ސިވިލް ކޯޓުން ވަނީ ޚާއްޞަ އަމުރުތަކެއް ނެރެފައެވެ.
އޭގެ ފަހުން އާންމުކޮށް އިޢުލާނުކުރުމެއް ނެތި ކުލަބުގެ އިންތިޚާބެއް ބޭއްވުމުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، މަސްލަހަތު ކޮންޓްރޯލްކުރުމަށްޓަކައި ފުލުހުންނަށްވެސް އެތަނަށް ވަންނަންޖެހުނެވެ. މި ހާދިސާތަކާ ގުޅިގެން ސިވިލް ކޯޓުން ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް ސީދާ އަމުރުތަކެއް ނެރެފައެވެ.
ޤައުމީ ކުޅިވަރު މަޖިލީހަށް ކުލަބުގެ އާންމު މެމްބަރުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ސަރީޙަ އަމުރެއް އޮތްކަން ޤާނޫނީ ވަކީލުންގެ ފަރާތުން ސްޕޯޓްސް ކޮމިޝަނަރުގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށްވެސް، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އަމަލުތަކެއް އޭނާ ހިންގަވާފައިވާ ކަމަށެވެ.
އެހެންކަމުން ސްޕޯޓްސް ކޮމިޝަނަރު ކުރައްވާފައިވާ މި އަމަލުތައް މުއައްސަސާގެ ތެރެއިންނާއި ޤާނޫނީ ގޮތުން ތަޙްޤީޤުކޮށް، އޭނާއާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅައިދިނުމަށް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގައި އެ މެމްބަރުން ވަނީ އެދިފައެވެ.