ޓައިޕް 2 ޑައިބެޓީސް ނުވަތަ ހަކުރުބަލި ހުންނަ މީހުންނަށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށް، ބަލީގެ ސަބަބުން ދިމާވާ އެހެނިހެން ނުރައްކާތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިރިއުޅުމުގެ އާދަތައް އެއްފަހަރާ ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް، ކުދިކުދި ބަދަލުތަކުންވެސް ބޮޑު ތަފާތެއް ގެނެސްދެއެވެ. އެގޮތުން، ޓައިޕް 2 ޑައިބެޓީސް ކޮންޓްރޯލްކޮށް، އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި މިއަދުން ފެށިގެންވެސް ކުރެވިދާނެ ފަސް ކަމެއް އެބައޮތެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ދުވަހުގެ އާދަކާދައިގެ ތެރެއަށް ހިނގުން އިތުރުކުރުމެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. ކަސްރަތުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރާއި ބަރުދަން ކޮންޓްރޯލްކުރުމަށް އެހީތެރިވެދެއެވެ. ފުރިހަމަ ކަސްރަތެއް ކުރާނެ ވަގުތު ނެތް ނަމަ، ކޮންމެވެސް ސިފައެއްގައި ހަށިގަނޑު ހަރަކާތްތެރިކުރުމަށް މަސައްކަތް ކުރާށެވެ. ކުރު ރާސްތާއަކަށް ހިނގާލުމުންވެސް ހިތާއި، ފުއްޕާމޭ އަދި މަސްތައް މަސައްކަތްކުރުމަށް ބާރުއަޅައެވެ. ދުވަހުގެ ތެރޭގައި ހިނގާ މިންވަރު އިތުރުކުރުމަށްޓަކައި، އޮފީހަށް ނުވަތަ އެހެން ތަންތަނަށް ކާރުގައި ދާނަމަ، ދާންޖެހޭ ތަނާ ތަންކޮޅެއް ދުރުގައި ކާރު ޕާކުކުރެވިދާނެއެވެ. އަދި ބަހުގައި ދަތުރުކުރާނަމަ، ދާންޖެހޭ މަންޒިލާ ކައިރިވުމުން ކުރިން ފައިބައިގެން ހިނގާފައި ދިއުމަކީވެސް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމާއި، ކައިރި ތަންތަނަށް ދާއިރު ވެހިކަލް ބޭނުންކުރުމުގެ ބަދަލުގައި ހިނގާފައި ދިއުމަށް އާދަކުރާށެވެ.

ހަފްތާއަކު އެތައް ފަހަރަކު ކަސްރަތު ކުރި ނަމަވެސް، ގިނަ ވަގުތު އިށީނދެގެން ތިބުމަކީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އޮފީހުގައި ނުވަތަ ގޭގައި ގިނަ ވަގުތު އިށީނދެގެން އިންނަން ޖެހޭނަމަ، ގަވާއިދުން ތެދުވެ ހަރަކާތްތެރިވުމަށް ސަމާލުކަން ދޭންވާނެއެވެ. މިކަން ހަނދާން ބެހެއްޓުމަށްޓަކައި ފޯނު ނުވަތަ ކޮމްޕިއުޓަރުގައި ޓައިމަރެއް ސެޓުކުރެވިދާނެއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އިށީނދެގެން އިންނަ ވަގުތުތަކުގެ ތެރެއިން ކުޑަ ބްރޭކެއް ނަގައި ހަރަކާތްތެރިވުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މި ދިރާސާގައި ބައިވެރިވި، ގަވާއިދުން ކަސްރަތު ނުކުރާ، ބަރުދަން އިތުރު އަދި ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުން ކޮންމެ 30 މިނެޓަކުން ތިން މިނެޓުގެ އެކްޓިވިޓީ ބްރޭކެއް ނެގުމުން އެމީހުންގެ ހަކުރުގެ މިންވަރު ރަނގަޅުވިކަން ވަނީ ފާހަގަކުރެވިފައެވެ. މި ބްރޭކްތަކުގައި އެމީހުން ކުރީ ލުއިކޮށް ހިނގުމާއި، ކާފް ރެއިޒް އަދި ހާފް-ސްކޮޓް ފަދަ ކަސްރަތުތަކެވެ. ހަމައެހެންމެ، 2021 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ބޭސް ބޭނުންކުރާ ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުން ކޮންމެ 60 މިނެޓަކުން ހަ މިނެޓުގެ ލުއި ކަސްރަތުތަކެއް ކުރުމުން، ކެއުމަށްފަހު ގްލޫކޯޒް އަދި އިންސިއުލިންއަށް އަންނަ ބަދަލުތައް ކުޑަކޮށްދެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރާއި ބަރުދަން ކޮންޓްރޯލްކުރުމަށްޓަކައި ކާ މިންވަރު ކޮންޓްރޯލްކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ރެސްޓޯރެންޓުތަކުން ކާއިރު މިކަން ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ކާން ފެށުމުގެ ކުރިން ކާނެ މިންވަރު ކަނޑައަޅައި، ބާކީބައި ގެއަށް ގެންދިއުމަށް ޕެކްކުރުމަށް އާދަކުރާށެވެ. މީގެ ސަބަބުން، ރޭވި ވަރަށްވުރެ ގިނައިން ކެއުމުން ދުރުކޮށްދޭނެއެވެ. އަދި ބާކީ ހުންނަ ކާނާ ޖެހިގެން އަންނަ ދުވަހުގެ މެންދުރު ކެއުމަށް ބޭނުންކުރެވިދާނެއެވެ.

މީގެ އިތުރުން، ޑޮކްޓަރު ލިޔެދީފައިވާ ބޭސްތައް ގަވާއިދުން ކެއުމަށް ހަނދާން ބެހެއްޓުމަކީ ބައެއް ފަހަރު އުނދަގޫ ކަމަކަށް ވާތީ، ސްމާޓްފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް ރިމައިންޑަރެއް ސެޓުކުރުމަކީ ކުރެވިދާނެ ކަމެކެވެ. މިފަދަ އެޕްތައް މެދުވެރިކޮށް ބޭސް ކެއުމަށާއި، ލޭގެ ހަކުރު ޓެސްޓުކުރުމަށާއި، ބޭސް ހުސްވުމުގެ ކުރިން އާކުރުމަށް އަދި ޑޮކްޓަރަށް ދެއްކުމަށް ހަނދާންކޮށްދޭނެއެވެ. ބައެއް އެޕްތަކުގައި ބަރުދަނާއި ހަކުރުގެ މިންވަރު ރެކޯޑުކުރެވޭނެ އިންތިޒާމުވެސް ހުރެއެވެ.
ޓައިޕް 2 ޑައިބެޓީސްގެ ސަބަބުން ދިގު މުއްދަތެއްގައި ހަންގަނޑަށާއި، ނާރުތަކަށާއި، ލޭހޮޅިތަކަށް ބަދަލުތަކެއް އާދެއެވެ. މީގެ ސަބަބުން ފައިގެ މައްސަލަތައް ފަދަ އެކި ކަހަލަ ނުރައްކާތައް ކުރިމަތިވެއެވެ. އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަން (އޭޑީއޭ) އިން ފާހަގަކުރާ ގޮތުގައި، އާންމު އާބާދީއާ އަޅާބަލާއިރު، ހަކުރުބަލި ހުންނަ މީހުންގެ ފައި ނުވަތަ ފައިގެ ބައެއް ބުރިކޮށްލަންޖެހުމުގެ ފުރުސަތު ބޮޑެވެ.
ފައި ރައްކާތެރިކުރުމަށްޓަކައި، ފައި ރަތްވެފައިވޭތޯ، ދުޅަވެފައިވޭތޯ، ކަނޑައިގެން ގޮސްފައިވޭތޯ ނުވަތަ ފޮޅު ނަގާފައިވޭތޯ ކޮންމެ ދުވަހަކުވެސް ބަލާށެވެ. ނާރުތަކަށް ގެއްލުންވެފައިވާނަމަ ފަޔަށް ލިބޭ އަނިޔާތަކުގެ އިހުސާސް ނުކުރެވިދާނެތީ، ލޮލުން ބަލައި ޗެކްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފައިގެ ދަށްފުށް ނުފެންނަނަމަ ލޯގަނޑެއް ބޭނުންކުރާށެވެ. އޭޑީއޭ އިން ލަފާދޭ ގޮތުގައި ކޮންމެ ދުވަހަކު ފައި ދޮވެ ރަނގަޅަށް ހިއްކުމާއި، ފައިގެ ނިޔަފަތިތައް ކަނޑައި ސާފުކޮށް ބެހެއްޓުމާއި، އަދި ފަސޭހަ ބޫޓާއި އިސްޓާކީނު ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ފައިން އަނިޔާއެއް ނުވަތަ އިންފެކްޝަނެއްގެ ނިޝާނެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް އަންގަންވާނެއެވެ.
ދިރިއުޅުމުގެ އާދަތަކަށް ގެންނަ މިފަދަ ކުދި ބަދަލުތަކުން ޓައިޕް 2 ޑައިބެޓީސް ކޮންޓްރޯލްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.