ދެހާސް ހަތަރުވަނަ އަހަރު އިންޑިއާ ކަނޑަށް އެރި ސުނާމީ ކާރިސާގައި ރާއްޖޭން 377 ފަތުރުވެރިން ސަލާމަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކުރީގެ އަސްކަރީ މަނަވަރު، މާލީ ދަތިތަކާ ހުރެ ނައްތާލުމުގެ ބިރު ބޮޑުވެއްޖެ ކަމަށް ބީބީސީން ރިޕޯޓްކޮށްފިއެވެ.
މި މަނަވަރަކީ 1975 ވަނަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގެ ޔެރޯ ޝިޕްޔާޑުގައި "އެޗްއެމްއެސް އެމްބަސްކޭޑް" ގެ ނަމުގައި ބަނދެ، އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީން ފޯކްލެންޑްސް ހަނގުރާމައިގައި ވެސް ބޭނުންކުރި މަނަވަރެކެވެ.
އޭގެ ފަހުން 1993 ގައި މި މަނަވަރު ޕާކިސްތާނަށް ވިއްކާލުމުން، އޭގެ ނަން "ޕީއެންއެސް ތާރިގު" އަށް ބަދަލުކުރިއެވެ. ސުނާމީ ކާރިސާގައި ރާއްޖޭގައި މި މަނަވަރު ހަރަކާތްތެރިވީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ދަށުންނެވެ.
މި މަނަވަރު އަނބުރާ ސްކޮޓްލޭންޑްގެ ކްލައިޑް ކޯރަށް ގެންގޮސް، ފްލޯޓިން މިއުޒިއަމެއް ނުވަތަ ދާރުލްއާސާރަކަށް ބަދަލުކުރުމަށް "ކްލައިޑް ނޭވަލް ހެރިޓޭޖް" (ސީއެންއެޗް) ޖަމްއިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެޗްއެމްއެސް އެމްބަސްކޭޑް --
ނަމަވެސް، އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ކަރާޗީން އެ މަނަވަރު ގެންދިއުމަށް ޕާކިސްތާނުގެ ނޭވީން މިހާރު ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގައި ނުގެންގޮސްފިނަމަ މަނަވަރު ނައްތާލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
މި މަނަވަރު ސްކޮޓްލޭންޑަށް ގެންދިއުމަށްޓަކައި ދެ މިލިއަން ޕައުންޑް ނުވަތަ ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރު ބޭނުންވެއެވެ. މިއީ ކުރިން އަންދާޒާ ކުރި އަދަދަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ.
ޚަރަދު މިހާ ބޮޑަށް އުފުލުނީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް އަގުތައް އިންތިހާއަށް އުފުލުމުންނެވެ. އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާއި، ރަތްކަނޑުގެ މަގުން ދަތުރުކުރާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ކަނޑުމަގުގެ ސަލާމަތީ ރައްކާތެރިކަން ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
ބީބީސީއިން ރިޕޯޓުކުރި ގޮތުގައި ސީއެންއެޗްގެ ޗީފް އެގްޒެކެޓިވް ޑޭވިޑް އޯނީލް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި އެ ފައިސާ ހޯދުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި މަނަވަރު ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު މިހާރު ކުޑަވެފައިވާ ކަމަށެވެ.
އަދި މި މަނަވަރު ނައްތާލައިފިނަމަ، އެއީ ސްކޮޓްލޭންޑްގެ ތާރީޚާއި، ޘަޤާފަތާއި ފަތުރުވެރިކަމަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އިންވަކްލައިޑް ކައުންސިލާއި ގްލާސްގޯ ސިޓީ ކައުންސިލާ މަޝްވަރާކުރަމުން ދިޔަ ނަމަވެސް، މަނަވަރު ބާއްވާނެ ވަކި ތަނެއް ހަމަޖެއްސުމުގެ އެއްބަސްވުމަކަށް އަދި މިހާތަނަށް އާދެވިފައެއް ނުވެއެވެ.