ރަސްގެފާނު ޗާލްސްއަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާކަން އާންމުކޮށް އިއުލާންކުރުމުގެ ކުރިން، އެކަން ސިއްރުކޮށްގެން ހުންނެވުމަކީ ޖަޒުބާތީ ގޮތުން ވަރަށް އުނދަގޫ ކަމެއް ކަމަށް ރާނީ ކެމީލާ ފުރަތަމަ ފަހަރަށް އާންމުކޮށް ވިދާޅުވެއްޖެއެވެ.
ކެންސަރު ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ 'މެގީސް' އަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ބަކިންހަމް ޕެލަސްއާ ގުޅިގެން ތައްޔާރުކުރި ކުރު ފިލްމެއްގައި ވާހަކަދައްކަވަމުން ރާނީ ވިދާޅުވީ، އެކަން ހާމަކުރައްވަން ވަރަށް ބޮޑަށް ބޭނުންފުޅުވި ކަމަށެވެ. ނަމަވެސް އެއީ އެކަން ހާމަކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ގަބޫލުކުރެއްވުނު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އެ ވަގުތު އެއްވެސް މީހަކަށް އެއްޗެކޭ ނުބުނެވޭނެ. އެއީ ވަރަށް އުނދަގޫ ކަމެއް،" ރާނީ ވިދާޅުވިއެވެ.
މެގީސް ޖަމިއްޔާގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރާނީ ކެމީލާ ވަނީ، 31 ޖެނުއަރީ 2024 ގައި ލަންޑަންގެ ރޯޔަލް ފްރީ ހޮސްޕިޓަލުގައި އެ ޖަމިއްޔާގެ އާ މަރުކަޒެއް ހުޅުވައިދެއްވާފައެވެ. އެ ވަގުތުވެސް ރަސްގެފާނުގެ އާލާސްކަންފުޅުގެ މައުލޫމާތު އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ. ރަސްގެފާނުގެ އާލާސްކަންފުޅުގެ ޚަބަރު ގައުމާ ހިއްސާކޮށްފައިވަނީ އޭގެ ފަސް ދުވަސް ފަހުން، ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކްލަރެންސް ހައުސްގައި ރާނީއާއެކު މި ފިލްމުގައި ވާހަކަދައްކަވަމުން މެގީސްގެ ޗީފް އެގްޒެކެޓިވް ޑޭމް ލޯރާ ލީ ވިދާޅުވީ، އެ ޚަބަރު އާންމުކުރުމުގެ އެއް ހަފުތާ ކުރިން އެކަން ސިއްރުކޮށްގެން ހުންނެވުމަށް ރާނީއަށް ވަރަށް ބޮޑު ހިތްވަރެއް ބޭނުންފުޅުވާނެ ކަމަށެވެ. އެކަމަށް ރައްދުދެއްވަމުން ރާނީ ވިދާޅުވީ، އެކަން ހާމަކުރައްވަން ބޭނުންފުޅުވި ނަމަވެސް އެކަން ނުކުރެއްވުނީ ކަމަށެވެ. އަދި ބަލީގެ ވޭން ތަހައްމަލުކުރަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ބައްލަވައި، މިފަދަ މަރުކަޒުތަކުގެ މުހިންމުކަން އިތުރަށް އިހުސާސްކުރެއްވުނު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ޕްރޮސްޓޭޓް ބޮޑުވުމުގެ މައްސަލައަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ރަސްގެފާނު ޗާލްސް، ކެންސަރުގެ އާލާސްކަންފުޅާއެކުވެސް މަސައްކަތްޕުޅު ކުރިއަށްގެންދެވި ގޮތާ ގުޅޭގޮތުން ރާނީ ވާހަކަދެއްކެވިއެވެ.
"އެއްވެސް ކަމަކަށް އޭނާ ނުހުއްޓުވުނު. އޭނާ ވިދާޅުވީ މިއީ ތިމަންނާގެ ގޮތް ކަމަށާއި، މިކަމާ ކުރިމަތިލައްވާނެ ކަމަށް،" ރާނީ ވިދާޅުވިއެވެ.
ޑިސެންބަރު މަހު ރަސްގެފާނު ވިދާޅުވެފައިވަނީ، ބަލި އަވަހަށް ދެނެގަނެވި، ރަނގަޅު ފަރުވާއެއް ލިބި އަދި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމުގެ ސަބަބުން ކެންސަރުގެ ފަރުވާ މިހާރު މަދުކުރައްވާފައިވާ ކަމަށެވެ.
ޑޭމް ލޯރާ ވިދާޅުވި ގޮތުގައި، ރަސްގެފާނުގެ އާލާސްކަންފުޅުގެ ޚަބަރު އާންމުކުރި ފަހުން މެގީސްގެ މަރުކަޒުތަކަށް ޒިޔާރަތްކުރާ ފިރިހެނުންގެ އަދަދު ވަނީ 12 އިންސައްތަ އިތުރުވެފައެވެ. އިނގިރޭސިވިލާތުގެ އެންއެޗްއެސްގެ ބޮޑެތި ކެންސަރު ހޮސްޕިޓަލުތަކުގައި މެގީސްގެ 27 މަރުކަޒު ހުންނައިރު، ކޮންމެ އަހަރަކު އެތައް ލައްކަ ބަޔަކަށް އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދެއެވެ.