ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް، ނުވަތަ އީ-ޕެޓިޝަން ތައާރަފުކުރި ފަހުން، ޕެޓިޝަން ހުށަހެޅުމުގެ ފޯރި ގަދަވެ، ރައްޔިތުންގެ މަޖިލިސް އިސްލާހުކުރުމަށް ހުށަހަޅާ ޕެޓިޝަންތަކަށް ވެސް ސަމާލުކަން ލިބެން ފަށައިފިއެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް މިހާތަނަށް ލިބުނު ޕެޓިޝަނަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑައިލައި، ހުރިހާ މެންބަރުންނަށް ވެސް އާންމުންނާ އެއް ހަމައަކުން އިންޝުއަރެންސް ދޭން ޖެހޭ ގޮތަށް ހެދުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު މި މަހުގެ 12ވަނަ ދުވަހު ހުށަހެޅި އެ ޕެޓިޝަނަށް މިހާތަނަށް 3،700 އަށް ވުރެ ގިނަ ސޮއި ވަނީ ލިބިފައެވެ. އަދިވެސް އެ ޕެޓިޝަނަށް އިތުރު ސޮއި އަންނަނީ ހޯދަމުންނެވެ.
ދެވަނައަށް ވެސް އެންމެ ގިނައިން ސޮއި ލިބުނީ މިދުޢަމް ހުށަހެޅި ޕެޓިޝަނަކަށެވެ. އެގޮތުން ކައުންސިލުތަކުގެ އިޚްތިޞާޞްގައިވާ ބިންތައް ވަޒީރުންގެ މަޖިލީހުންގެ ނިންމުމާއެކު ކައުންސިލުތައް އަތުން އަތުލެވޭ ގޮތް ހެދުމަށް، ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ހުށަހެޅުއްވުން އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނަށް 2،307 ސޮއި ލިބިފައިވެއެވެ.
އެ ޕެޓިޝަން މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރާ މަރުހަލާގައެވެ. ބެލެވޭ ގޮތުގައި މާދަމާގެ ޖަލްސާއަށް އެ ޕެޓިޝަން އެޖެންޑާކުރާނެއެވެ.
މަޖިލީހުގެ މެންބަރުންގެ އަގުބޮޑު އިންޝުއަރެންސް ކަނޑައިލަން މިދުޢަމް ހުށަހެޅި ޕެޓިޝަންގައިވަނީ، ވޭތުވެދިޔަ 10 އަހަރު މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 100 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ކުރީގެ މެންބަރުންނަަށް ވެސް އުމުރު ދުވަހަށް މި އިންޝުއަރެންސް ދޭން ޖެހޭތީ އެ އަދަދުތައް އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ދާ ކަމަށެވެ.
އާންމުންނަށް ނުލިބޭ ފަދަ ސިއްހީ އިންޝުއަރެންސެއް މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ ސިޔާސީ އެއްވެސް ނިޒާމެއް ދަންނަ ކަމެއް ނޫން ކަމަށާއި، މުއްސަނދި އެހެން ގައުމުތަކުން ވެސް ކުރާ ކަމެއް ނޫން ކަމަށް އެ ޕެޓިޝަންގައި ވެއެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު އާސަންދަ ހަރުދަނާކޮށް ރަނގަޅު ކުރަން މެންބަރުން މަސައްކަތްކުރެއްވުމެވެ.
އަމިއްލަ މީހެއް ކަމަށްވާ މުޙައްމަދު ޖަލާލް ނަސީމް ކިޔާ މީހަކު ވަނީ މެންބަރުން ވަކިކުރުމުގެ ބާރު އާންމުންނަށް ދިނުމަށް ގޮވައިލައި ޕެޓިޝަނެއް ހުށަހަޅައިފައެވެ. ފެބުރުވަރީ މަހު ހުށަހެޅި އެ ޕެޓިޝަން އާންމުކުރުމަށް ބޭނުންވާ ފަސް ސޮއި ހަމަވެފައިވީ ނަމަވެސް އަދިވެސް އެ ޕެޓިޝަން އީ-ޕެޓިޝަން ޕޯޓަލުގައި ޝާއިއުކޮށްފައި ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅައިފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަން ވެސް ހުށަހެޅޭ ގޮތަށް ގަވައިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އިއްޔެ ފާސްކޮށްފައެވެ. ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސްގެ އެ ހުށަހެޅުއްވުން މިއަދުގެ ޖަލްސާގައި ފާސްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.