ސިޔާސީ މުވައްޒަފުން ތިބި ސީދާ އަދަދު ވިދާޅުނުވި ނަމަވެސް، ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށެވެ.
ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ގޮތުން ސަމީރު ކުރެއްވި ސުވާލަށް ޖަވާބެއް ނުދެއްވިއެވެ.
އެއަށްފަހު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، ސަރުކާރުން ސިޔާސީ މުވައްޒަފުން ނަގަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"އަދި ކަނޑައެޅިފައިވާ ސިޔާސަތުތަކުން ބޭރުން އެއްވެސް މުވައްޒަފެއް ނެގޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
ޒަރީރު މިހެން ވިދާޅުވިއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޭޕްރިލް މަހު ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމައިފައިވާ ކަމަށެވެ.
ސަރުކާރުގެ ކޮންމެ ކުންފުންޏަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރާނީ ވެސް މަސައްކަތަށް ބެލުމަށް ފަހު ކަމަށް ސަރުކާރުން ބުނެއެވެެ.
ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި ކުންފުނިތަކަށް މުވައްޒަފުން ނަގަން ވާނީ އިއުލާނުކޮށްގެން ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ކުރިން ވެސް އޮންނަ ގޮތަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިނިސްޓްރީތަކަށް ސިޔާސީ މުވައްޒަފުން އައްޔަންކުރެއްވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންވިޔަސް އެކަން ކުރައްވާނީ ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި އެކަނި، ތައުލީމާއި ތަޖުރިބާއަށް ބައްލަވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
އެ ގޮތުން، ސްޓޭޓް މިނިސްޓަރަކު އައްޔަންކުރައްވާ ނަމަ މާސްޓާސް ޑިގްރީއެއް އޮތްތޯ ބައްލަވާނެ ކަމަށާއި ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވާނަމަ އެ ދާއިރާއަކުން ޑިގްރީއެއް އޮތްތޯ ބައްލަވާނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.