އުތުރުގެ ދެ ރަށަކާއި، ދެކުނުގެ ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމާ ގުޅޭގޮތުން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބީލަންތައް ބާތިލްކުރި މައްސަލަ، ދައުލަތުން އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިއީ، ތ. ވިލުފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް ނިންމުމަށް، ފިނޭންސުން ކުރި އިއުލާނަކަށް އިޖާބަދީ، އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑުން ހުށަހެޅި ބިޑްތައް ބާތިލު ކުރި މައްސަލައެވެ.
މި މަސައްކަތާ ގުޅިގެން އެސްޖޭއިން ހުށަހެޅި ބިޑުތަކުގައި އެމްޕްލޯޔާސް ރިކުއާމެންޓް އަދި ފައިނޭންޝަލް ރިސޯސަސް ރިކުއާމެންޓް ފުރިހަމަ ނުވާކަމަށް ނިންމައި އެ ބިޑުތައް ޑިސްކޮލިފައި ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުން ނިންމުމުން އެސްޖޭއިން ދިޔައީ ކޯޓަށެވެ. އެސްޖޭއިން ކޯޓަށް ހުށަހެޅި މި މައްސަލަ، ދަށު ކޯޓުން އެސްޖޭއަށް ކާމިޔާބުވުމުން، ދައުލަތުން ދެން މި މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓުން، ގާތްގަނޑަކަށް ތިން އަހަރުން މި މައްސަލަ ނިންމީވެސް އެސްޖޭ ކޮޅަށެވެ. އެހެންވެ، ދައުލަތުން މި ފަހަރު މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައި އޮތްނަމަވެސް، މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ، އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑް އަކީ ފައިނޭންޝަލް ރިސޯސަސްއާއި އެމްޕްލޯޔާސް ރިކުއާމަންޓް ފުރިހަމަވެފައިވާ ފަރާތްތަކެއްކަމުގައި ކަނޑައެޅުމަށެވެ. އަދި އެ ފަރާތްތަކުގެ ބިޑަކީ ފައިނޭންޝަލް ރިސޯސަސްއާއި، އެމްޕްލޯޔާސް ރިކުއާމަންޓް ފުރިހަމަވެފައިވާ ބިޑެއް ކަމަށް ބަލައިގެން، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް އެވޯޑްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސާއި، ކަމާބެހޭ ފަރާތްތަކަށް އަންގައެވެ.