ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026- މޯލްޑިވްސް ފޯލް މުބާރާތުގެ ގަދަ ތިން ވަނަ ސިންޑިކޭޓް، އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީ ހޯދައި، ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިފިއެވެ.
މާލޭގެ ޔޫތު ހަބްގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި މުބާރާތުގެ ނޭޝަނަލް ފައިނަލްގައި ރާއްޖޭގެ އެންމެ ގަދަ 16 ޕަބްޖީ މޮބައިލް ޓީމު ބައިވެރިވެފައިވާއިރު، އެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އުރީދޫ ނޭޝަންއެވެ.
ދެ ދުވަހުގެ މައްޗަށް ބަހާލައިގެން ކުޅުނު ފޯރިގަދަ 10 މެޗަށްފަހު، ޕީއެމްއެންސީ 2026- މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަން ސިންޑިކޭޓްއިން ހޯދިއިރު، ފަސްޓް ރަނަރަޕްކަން ހޯދީ އެލްއެންއެން އެސްޑީއެމްޒެޑެވެ. އަދި ސެކަންޑް ރަނަރަޕްކަން ހޯދީ ޑީސީއެމް ޑީއެމްޓީއެވެ.

އެ ތިން ޓީމަށްވެސް ވަނީ ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 އިން ޖާގަ ލިބި، ރާއްޖޭގެ އީސްޕޯޓްސް ހުނަރުވެރިން ބައިނަލްއަގުވާމީ ބޮޑު މައިޒާނަކަށް ނުކުތުމުގެ ފުރުސަތު ފަހިވެފައެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވީ، އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ ޒުވާން އީސްޕޯޓްސް އެތުލީޓުންނަށް ވާދަކޮށް، ކުރިއަރައި، ބައިނަލްއަގްވާމީ ފެންވަރުގައި ހުނަރު ސާބިތުކޮށް، ބޮޑެތި މައިޒާންތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"ރާއްޖޭގެ ތިން ޓީމެއް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕަށް ހޮވުމަކީ މުޅި ދިވެހި އީސްޕޯޓްސް އާއިލާއަށްވެސް ލިބުނު ފަޚުރެއް. ސިންޑިކޭޓް، އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީއަށް މަރުޙަބާ ކިޔައި، ސަރަޙައްދީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމުގައި ކާމިޔާބީއަށް އެދެން." އޭނާ ވިދާޅުވިއެވެ.
އުރީދޫ ނޭޝަން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން ދަނީ ރާއްޖޭގެ ގޭމިން އަދި އީސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް ސިލްސިލާކޮށް އިންވެސްޓްކޮށް، މުޅި ރާއްޖޭގެ ގޭމަރުންނަށް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވެ ކުރިއެރުން ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.

މިއީ އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހީގައި ދިވެހިންނަށް އާ ފުރުސަތުތައް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ 'ޑިޖިޓަލް މޯލްޑިވްސް' ތަސައްވުރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އީސްޕޯޓްސްއަކީ ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސިނާޢަތަކަށް ވާތީ، އުރީދޫ ނޭޝަންގެ މަގްސަދަކީ ދިވެހި ޒުވާން ހުނަރުވެރިންގެ ފެންވަރު މަތިކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ފުރުސަތުތައް ހޯދައިދިނުން ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ ސިންޑިކޭޓް، އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑީއެމްޓީއަށް ލިބުނު ކާމިޔާބީއަށް މަރުޙަބާ ކިޔައި، ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ދިދަ އުފުލައިދިނުމުގައި އެ ތިން ޓީމަށް ކާމިޔާބީއަށް އެދިފައެވެ.