އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނިން ވަނީ "މާސްޓަކާޑު ގިވްއަވޭ" ޕްރޮމޯޝަން އިފުތިތާޙުކޮށް، ކަސްޓަމަރުންނަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މި މަހުގެ އެއްވަނަ ދުވަހުން އަންނަ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕައެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަކާޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.
މި ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކާއެކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބޭނެއެވެ.
އުރީދޫ އެޕް މެދުވެރިކޮށް މަދުވެގެން 400 ރުފިޔާގެ އެއް މުޢާމަލާތް މާސްޓަކާޑުން ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ އެއް ފުރުޞަތު ލިބޭނެއެވެ. ސޭވްކޮށްފައިވާ މާސްޓަކާޑެއް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ދެ ފުރުޞަތު ލިބޭއިރު، މާސްޓަކާޑު ބޭނުންކޮށްގެން އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކަށް ފަސް ފުރުޞަތު ލިބޭނެއެވެ.
ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޝަރުޠު ހަމަވާ ގިނަ މުޢާމަލާތްތަކެއް ކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތުތައް އިތުރުކުރެވޭނެއެވެ.
އުރީދޫ އެޕް މެދުވެރިކޮށް ލިބެން ހުންނަ އޮޓޯޕޭގެ ސަބަބުން ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީޚެއްގައި އޮޓޯއިން ފައިސާ ދެއްކޭގޮތް ހަމަޖެއްސެއެވެ. އަމިއްލައަށް ހަނދާންކޮށްގެން ފައިސާ ދެއްކުމުގެ ބަދަލުގައި، އޮޓޯޕޭ ސެޓްއަޕް ކުރުމުން ޝަރުޠު ހަމަވާ މުޢާމަލާތްތައް އޮޓޯއިން ކުރިއަށްދާނެއެވެ.
އުރީދޫ ޚިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް މަޢުލޫމާތާއި އެހީތެރިކަން ހޯދޭނެއެވެ. ޕްރޮމޯޝަން މުއްދަތު ނިމުމުން، ޝަރުޠު ހަމަވާ ކަސްޓަމަރުންގެ މެދުގައި އުރީދޫއިން ނަގާ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ލިބޭނެއެވެ.
ގުރުއަތު ނަގާ ވަގުތު ކަސްޓަމަރަކީ ޚިދުމަތް މެދުކެނޑިފައިނުވާ އަދި ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ނެތް ކަސްޓަމަރަކަށް ވާންޖެހޭނެއެވެ. ޓޫރިސްޓް އަދި މޮބައިލް ބްރޯޑްބޭންޑް ޕްލޭންތައް މި ޕްރޮމޯޝަނުގައި ނުހިމެނެއެވެ.
އެހެންކަމުން އެއްފަހަރު ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް، ސޭވްކޮށްފައިވާ ކާޑަކުން ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް ނުވަތަ އޮޓޯޕޭ މެދުވެރިކޮށް ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް، މާސްޓަކާޑުން ކުރާ، ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާތަކީ މެލޭޝިޔާ ދަތުރާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށް އުރީދޫން ބުނެއެވެ.