އެއާ އިންޑިއާގެ ފްލައިޓް ތިރިވި ހާދިސާއަށްފަހު ޕައިލެޓުންގެ ޑްރަގް ޓެސްޓު ގަވާއިދު މުރާޖަޢާކުރަން ފަށައިފި

އެއާ އިންޑިއާގެ ފްލައިޓް ވީއައިއޭއަށް ޖައްސަނީ -- ފޮޓޯ: އެމްއޭސީއެލް

ޕައިލެޓުން ޑްރަގް ޓެސްޓުކުރުމާ ގުޅޭ ގަވާއިދުތައް އިންޑިއާގެ ސަރުކާރުން މުރާޖަޢާކުރަން ފަށައިފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މިކަން ފަށާފައިވަނީ، އެއާ އިންޑިއާގެ ފްލައިޓެއް ކުއްލިއަކަށް 300 ފޫޓު ތިރިއަށް ވެއްޓުނު ހާދިސާއަށް ފަހުގައެވެ. މި ހާދިސާގައި ފްލައިޓުގެ ޕައިލެޓް-އިން-ކޮމާންޑް ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެރިޖުއާނާއަށް ޕޮޒިޓިވްވެފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް "އޭއައި2379" އަށް ދިމާވި މި ހާދިސާގައި 20 ފަސިންޖަރުންނާއި ކެބިން ކްރޫންގެ ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. އެއާބަސް އޭ320 މަރުކާގެ މި ބޯޓުގައި އެ ވަގުތު 137 ފަސިންޖަރުންނާއި އަށް ކްރޫން ދަތުރުކުރިއިރު، އޭގެ ތެރޭގައި ތިން ތުއްތު ކުދިން ވެސް ހިމެނެއެވެ.

https://www.sun.mv/225576

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ބުނި ގޮތުގައި، ހާދިސާއަށްފަހު ދެ ޕައިލެޓުން ވެސް ވަނީ ސައިކޯއެކްޓިވް މާއްދާތަކަށް ޓެސްޓުކޮށްފައެވެ. ފުރަތަމަ ޓެސްޓުން ޕައިލެޓް-އިން-ކޮމާންޑްގެ ނަތީޖާ ޔަގީންނުވުމުން، އިތުރު ތަހުލީލުތަކަށް ލެބޯޓަރީއަށް ފޮނުވުމުން އޭނާ ވަނީ މެރިޖުއާނާއަށް ޕޮޒިޓިވްވެފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ ތަހުގީގު ނިމެންދެން ފްލައިޓުގެ ދެ ޕައިލެޓުން ވެސް ފްލައިން ރޯސްޓާއިން ސަސްޕެންޑުކޮށްފައެވެ.

ޑީޖީސީއޭގެ މިހާރުގެ ގަވާއިދުތައް އޮންނަ ގޮތުން، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ އޭވިއޭޝަން މުވައްޒަފުން ފުރަތަމަ ފޮނުވަނީ ރިހެބިލިޓޭޝަން ޕްރޮގްރާމަކަށެވެ. ދެވަނަ ފަހަރަށް ޕޮޒިޓިވްވެއްޖެނަމަ ތިން އަހަރަށް ލައިސަންސް ސަސްޕެންޑުކުރާއިރު، ތިންވަނަ ފަހަރަށް ޕޮޒިޓިވްވެއްޖެނަމަ ލައިސަންސް އެއްކޮށް ބާތިލުކުރެއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ ރާމްމޯހަން ނައިޑޫ ވިދާޅުވި ގޮތުގައި، ސަރުކާރުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގާ ކަމަށާއި، މިހާރު އޮތް ގަވާއިދުތައް ހަރުދަނާކުރަން ޖެހޭނަމަ އެ ބަދަލުތައް ގެންނާނެއެވެ. މިކަމާ ގުޅިގެން، އެހެން ގައުމުތަކުގައި މިފަދަ ޓެސްޓުތައް ކުރިއަށްގެންދާ ގޮތް ދިރާސާކުރުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ޑީޖީސީއޭއަށް އަންގާފައެވެ. ގަވާއިދުތަކަށް ބަދަލު ގެނައުމާމެދު ގޮތެއް ނިންމާނީ ބައިނަލްއަގުވާމީ އުސޫލުތައް ދިރާސާކުރުމަށްފަހު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރިއަށްގެންދާ ތަހުގީގުގައި، ފްލައިޓުން ފެނުނު ޓެކްނިކަލް މައްސަލަތަކަށް ވެސް ދަނީ ބަލަމުންނެވެ. އެގޮތުން، "ވީޓީ-އީއެކްސްއޯ" ގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މި ބޯޓުގެ ގްރީން، ބްލޫ އަދި ޔެލޯ ހައިޑްރޯލިކް ސިސްޓަމްތަކުގެ ޕްރެޝަރު ދަށްވުމުގެ އިންޒާރުތަކެއް ލިބިފައިވާ ކަމަށް ޕޯސްޓް-ފްލައިޓް މެއިންޓަނަންސް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ޔެލޯ އަދި ބްލޫ ރިޒަވޯޔަރުތަކުގެ ފްލުއިޑް ލެވެލް ދަށްވުމާއި، އޮޓޯޕައިލެޓް ސިސްޓަމް ދެ ފަހަރަށް ކެނޑުމާއި، ކަނާތް އަދި ވާތް ފަރާތުގެ އެލެވޭޓާ ފްލައިޓް-ކޮންޓްރޯލް ފޯލްޓްތަކެއް ވަނީ ރެކޯޑުކުރެވިފައެވެ. ހަމައެއާއެކު، އިންޖީނުގެ އެންޓި-އައިސް ސިސްޓަމްތަކާއި އިމަޖެންސީ ދޮރުތަކާ ގުޅޭ މައްސަލަތަކެއް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ބޯޓު ކުއްލިއަކަށް ތިރިވުމަށް މެދުވެރިވީ މި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

https://www.sun.mv/225770

އެއާ އިންޑިއާއިން ފުރަތަމަ ބުނެފައިވަނީ މިއީ ޓާބިއުލެންސްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. މި ހާދިސާގެ ތަހުގީގު އޭއޭއައިބީން ކުރިއަށްގެންދަނީ އެއާބަސް ކުންފުންޏާއި ފަރަންސޭސިވިލާތުގެ ބިއުރޯ އޮފް އެންކުއަރީ އެންޑް އެނަލިސިސް ފޯ ސިވިލް އޭވިއޭޝަން ސޭފްޓީ (ބީއީއޭ) ގެ އެހީތެރިކަމާއެކުގައެވެ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ އުސޫލުތަކާ އެއްގޮތަށް، މި ތަހުގީގުގެ ފުރަތަމަ ރިޕޯޓު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނެރޭނެ ކަމަށް އޭއޭއައިބީން ވަނީ ބުނެފައެވެ.

comment ކޮމެންޓް