ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ނިއުދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓަކަށް ބޮޑެތި ލޮޅުންތަކެއް (ޓާބިއުލެންސް) އަރައި، 12 މީހަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އޭއައި2379 ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނާއި ކްރޫންގެ ތެރެއިން ބަޔަކަށެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވައިގެ ތެރޭގައި ދިމާވި މި ލޮޅުންތަކާ ގުޅިގެން ފްލައިޓް ވަނީ ކުއްލިއަކަށް 300 ފޫޓު ތިރިއަށް ވެއްޓިފައެވެ.
އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ފްލައިޓް ދިއްލީއަށް ޖެއްސުމަށްފަހު ހުރިހާ ފަސިންޖަރުންނާއި ކްރޫން ވަނީ ސަލާމަތުން ބޯޓުން ފައިބާފައެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެއާޕޯޓުގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ ތަރުޖަމާނަކު ބުނީ، ފަސިންޖަރުންނާއި ކްރޫންގެ ސަލާމަތަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، އަނިޔާވި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެ އިތުރުން، މި ހާދިސާ ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓު ތެރޭގައި ނަގާފައިވާ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ލޮޅުންތަކުގެ ސަބަބުން ބޯޓުގެ އެތެރޭގެ ބައެއް ބައިތަކުގައި ރެނދުލާފައިވާ މަންޒަރު ފެނެއެވެ.
އޭއެންއައި ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ފްލައިޓުގައި އިން ފަސިންޖަރަކު ބުނި ގޮތުގައި، ދަތުރު ފެށިތާ ގާތްގަނޑަކަށް ގަޑިއިރަކާއި ބައިވީ ފަހުން، ގިނަ މީހުން ނިދާފައި ތިއްބައި ކުއްލިއަކަށް ބޯޓަށް ވަރުގަދަ ލޮޅުމެއް އެރިއެވެ. އަދި ގާތްގަނޑަކަށް ދެތިން މިނެޓު ވަންދެން ބޯޓު ވަރަށް ބޮޑަށް ތަޅުވައިގަތް ކަމަށާއި، އޭގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވި ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި އެއާ އިންޑިއާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ފަސިންޖަރު ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ، މީގެ އަހަރެއްހާ ދުވަސް ކުރިން ދިއްލީން ސްރީނަގަރަށް ދަތުރުކުރި އިންޑިގޯ ފްލައިޓަކަށް ގަދަ ވިއްސާރައިގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރައި، ބޯޓުގެ ކުރީކޮޅަށް ގެއްލުންތަކެއް ލިބުނު ހާދިސާއަށްފަހުގައެވެ.