ބަރުދަން ލުއިކުރަން ލެއްވި ހަމެއް ފަޅައިގެންގޮސް، ގަތަރުގެ އަންހެނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ގަތަރުގެ އަންހެނެއްގެ މައިދާއަށް ލެއްވި ހަމެއް ފަޅައިގެން ދިއުމުން، އޭނާއަށް އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާދޭން ފަށައިފިއެވެ.

ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަމިއްލަ ހޮސްޕިޓަލެއްގައި އެ އޮޕަރޭޝަން ކުރިތާ ގާތްގަނޑަކަށް ތިން ދުވަސް ފަހުންނެވެ. ހަން ފަޅައިގެން ދިއުމާއެކު އޭނާގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔަ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަން ފުރަތަމަ ކޮށްފައިވަނީ ގަތަރުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. ނަމަވެސް ހަން ފަޅައިގެންގޮސް ހާލަތު ގޯސްވުމާ ގުޅިގެން، އިތުރު ފަރުވާއަށް އޭނާ ވަނީ ހަމަދު ޖެނެރަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ބަރުދަން ލުއިކުރުމަށް ހަދާ މިފަދަ ޕްރޮސީޖާތަކަކީ އާންމުކޮށް ރައްކާތެރި ކަންކަމުގެ ގޮތުގައި ބެލެވުނު ނަމަވެސް، ހަން ފަޅައިގެން ދިއުމާއި ލީކުވުން ފަދަ މައްސަލަތައް މަދުން ނަމަވެސް ދިމާވާ ކަމަށް ސިއްހީ ދިރާސާތަކުން ދައްކައެވެ. އެގޮތުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދީ މެޑިކަލް ޖާނަލްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަން ލީކުވުމާއި ފަޅައިގެން ދިއުމަކީ މި އާލާތާ ގުޅިގެން ދިމާވާ އެންމެ އާންމު އެއް މައްސަލައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާލާތަށް ދިމާވާ މައްސަލަތަކުގެ ތެރެއިން 21 އިންސައްތައަކީ ހަން ލީކުވުން ނުވަތަ ފަޅައިގެން ދިއުމެވެ. މީގެ އިތުރުން މައިދާ ފަޅައިގެން ދިއުމާއި، ގޮހޮރު ބެދުން ފަދަ ނުރައްކާތެރި ހާލަތްތައް ވެސް ބައެއް ފަހަރު މެދުވެރިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި ހާދިސާއާ ގުޅިގެން، ބަރުދަން ލުއިކުރުމަށް ހަދާ އޮޕަރޭޝަންތަކާއި ޕްރޮސީޖާތަކުގައި ހުރި ނުރައްކާތަކާމެދު އަލުން ވަނީ ސަމާލުކަން އުފެދިފައެވެ.

ސިއްހީ މާހިރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިފަދަ ޕްރޮސީޖާތައް ހެދުމަށް ހާއްސަ މެޑިކަލް ސެންޓަރުތައް އިހުތިޔާރުކުރުމާއި، ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުން ފަރުވާ ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން، މިފަދަ ކަމެއް ކުރުމަށް ނިންމުމުގެ ކުރިން، އޭގެ ސަބަބުން ދިމާވެދާނެ ސިއްހީ ނުރައްކާތަކާއި މައްސަލަތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ބަލިމީހާއަށް ދިނުމުގެ މުހިންމުކަން ވެސް މި ހާދިސާއިން ހާމަވެގެންދާ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ގެސްޓްރިކް ހަމަކީ ވަގުތީ ގޮތުން މައިދާގައި ބާއްވާ އެއްޗަކަށް ވާއިރު، މިއީ ގިނަވެގެން ހަ މަސް ނުވަތަ ބާރަ މަސް ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާލާތެކެވެ. އެ މުއްދަތު ހަމަވުމުން އެ ނަގަން ޖެހޭނެ ކަމަށާއި، ނުނަގައިފިނަމަ ނުރައްކާތެރި މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރުދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް