ލޯކަލް ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ބިންތަކާއި މިލްކިއްޔާތުގައި ހިމެނޭ ތަންތަން ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހަށް ނިންމުމަށް ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ކައުންސިލްގެ ބާރުތައް ކުޑަކޮށް އެ ބާރުތައް ސަރުކާރަށް ލިބޭގޮތަށް ހަދާފައިވާ އެ ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުގައެވެ. އެ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ ސޮއި ހޯދުމަށް ޕެޓިޝަނެއްވެސް ވަނީ ފަށާފަައިވާއިރު އިއްޔެ ވަނީ އެ ބިލުގެ ބަހުސް ފަށައި ހަމަ އިއްޔެ ބަހުސް ނިންމުމަށް ފަހު ތަޅުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ, ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ.
މިއަދުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ އެންމެ ފަސް ދުވަހުގެ ތެރޭގައި އެ ބިލުގެ މަސައްކަތް ނިންމުމަށް ހުށަހަޅާފައެވެ. އޭނާ ވަނީ އެ ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމުގެ ނިޔަލަށް އެ ފުރުސަތު ދޭން ހުށަހަޅާފައެވެ.
އަދި ބިލުގެ މުޅި މަސައްކަތް ނިންމާ ސުންގަޑިއެއްގެ ގޮތުގައި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ޖަހާއިރު ކަނޑައެޅުމަށް އޭނާ ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް
ހަމަ އެ ބައްދަލުވުމުގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ވަނީ އަންނަ މަހު 30ވަނަ ދުވަހު ބިލުގެ މަސައްކަތް ނިންމުމަށާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކުގެ ޖަމިއްޔާތަކުގެ އިތުރުން ސިޔާސީ ޕާޓީތައް ކޮމިޓީއަށް ހާޒިރުކޮށްގެން ހިޔާލު ހޯދުމަށް ހުށަހަޅާފައެވެ.
ނިއުޝާދުގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސޯދިގާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާނެވެ.
ނަމަވެސް ފާސްވީ, ޕީއެންސީގެ މެންބަރު ހުށަހެޅި ގޮތަށް ފަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި ބިލު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙައްނާން މީގެކުރިން ވިދާޅުވެފައިވަނީ، މި އިޞްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ.
އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ ވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.