މަރުވި ކުއްޖާގެ މެސެޖުތައް އާއްމު ކުރީ ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށް: އިޙްސާން

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި ހުރި 18 އަހަރުގެ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އޭނާ ފުލުހުންނަށް ކުރި މެސެޖުތައް ހާމަކުރެއްވީ ފުލުހުންނަށް އާންމުން ކުރާ އިތުބާރު ދަމަހައްޓައި ކަން ހިނގިގޮތް ސާފުކޮށްދިނުމުގެ ގޮތުން ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކުއްޖާއަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްނުދޭ ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، ފުލުހުންނަށް ގުޅުމުން އެ ކުއްޖާއަށް އެކަށީގެންވާ ގޮތެއްގައި އެހީނުވި ކަމުގެ ކަންބޮޑުވުން ބޮޑުވިއެވެ. އެހެންވެ އެ ތުހުމަތުތައް ދޮގުކުރައްވައި އިޙްސާން ވަނީ މިދިޔަ އޭޕްރިލް މަހުގެ 23ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެސެޖުތައް އާންމުކުރައްވައިފައެވެ.

އެކަމާ ގުޅިގެން އިޙްސާނަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވިއެވެ.

https://sun.mv/221015

މި މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިޙްސާން ވިދާޅުވީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެކުގައި ކުރެވޭ މުއާމަލާތްތަކަކީ ރައްކައުތެރިކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

އެ ހާދިސާ ހިނގިފަހުން އާންމުންގެ މެދުގައި ދޮގު މައުލޫމާތުތައް ފެތުރެމުން ދިޔަ ކަމަށް އިޙްސާން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކަށް މެދުކެނޑުމެއްނެތި ޚިދުމަތްދޭން ތައްޔާރަށް އޮންނަ ޚިދުމަތެއް ކަން އިޙްސާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޚާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް އިތުބާރާއެކު ފުލުހުންނަށް ޚިދުމަތްދެވޭނެ ކަމުގެ ޔަގީންކަން އޮންނަންވާނެއެވެ.

"އެ މުއައްސަސާގެ އެ ޔަގީންކަން ރައްޔިތުންގެ ތެރޭގައި ގެއްލުވައިލުމުގެ އޯގަނައިޒްޑް ހަރަކާތެއް އެ ދުވަހު ހިނގަމުން ދިޔައީ،" އިޙްސާން ވިދާޅުވިއެވެ.

އެހެންވީމާ އެ ފުރުސަތުގައި އޭނާއަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ކުއްޖާގެ މައުލޫމާތު ހިމާޔަތްކުރުމުގެ އިތުރުން ފުލުހުންނަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުން ހިމެނޭ ކަމަށް އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ އެ ފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ހެއްކާއެކު މައުލޫމާތު ހާމަ ނުކޮށްފިނަމަ މައްސަލައިގެ ހަގީގަތް ފޮރުވަން އުޅޭ ކަމަށް ބަޔަކު ތުހުމަތުކުރާނެ ކަމަށާއި، މައުލޫމާތު ހާމަކޮށްފި ނަމަ ޒާތަށް އަރައިގަންނަނީ ކަމަށް މީހުން ބުނާނެ ކަމަށެވެ. އެ ދޭތެރޭ އޮންނަނީ ތުނި ރޮނގެއް ކަން އިޙްސާން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ބޭރު ބައެއް ގައުމުތަކުގައި އެފަދަ މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ވެސް ބަޔާންކޮށްފައި އެބަ ހުއްޓެވެ.

މިދިޔަ މެއި މަހު ސަރުކާރު ފަރާތުން ހުށަހެޅި ޑޭޓާ ޕްރައިވަސީ ބިލު ގާނޫނަކަށްވާ ހިސާބުން މިފަދަ މައުލޫމާތުތައް ހާމަކުރެވޭނެ މިންގަނޑެއް އެކުލަވައިލެވިގެން ދާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.

"އެހެން ނަމަވެސް މި ދެންނެވި ދުވަހުގައި އަޅުގަނޑުމެންނަށް މަޖުބޫރުވީ ދިވެހި ފުލުހުންގެ އެ ސާވިސް، ކޮންމެ ކަމެއްނޫން، ދިވެހި ފުލުހުންނާ ދޭތެރޭ ޝައްކު އުފެދޭ ކޮންމެ ހާލަތެއްގައި އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ މިފަދަ މައުލޫމާތުތަކެއް ހާމައެއް ނުކުރާނަން، އެހެން ނަމަވެސް މިކަހަލަ ނާޒުކު ހާލަތްތަކުގައި ރައްޔިތުން ކޮންމެހެން ޚިދުމަތަށް އެދޭ، އަދި ޚިދުމަތަށް ގޮވަ ގޮވާ ތިބޭއިރުގައި އެ ޚިދުމަތުގެ އަގު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އިޙްސާން ވިދާޅުވިއެވެ.

އެހެން ވިޔަސް އެފަދަ މައުލޫމާތުތައް ހާމަކުރާއިރު ހާމަ ކުރާނީ ޚާއްސަ ސަމާލުކަމެއް ދީގެން ކަމުގެ ޔަގީންކަން އިޙްސާން ދެއްވިއެވެ.

comment ކޮމެންޓް