ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތައާރަފްކުރުމަށް ފަރުމާކޮށްފައިވާ "ޕީޖީއޯ 2.0" މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފިއެވެ.
މި މަޝްރޫއަކީ ޕީޖީ އޮފީހުގެ މަސައްކަތްތައް ޒަމާނީކޮށް، ޓެކްނޮލޮޖީގެ އެހީގައި އަވަސްކުރުމަށް އެ އޮފީހުން އަމިއްލައަށް އެކުލަވާލާފައިވާ އޭއައި ސްޓްރެޓަޖީއެކެވެ.

ޕީޖީއޯ 2.0 ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މިއީ މިހާރު އެ އޮފީހުން ބޭނުންކުރަމުންދާ "މަފިނީ" ކޭސް މެނޭޖްމަންޓް ސިސްޓަމް އިތުރަށް ފުރިހަމަކޮށް، އޭގެ ތެރެއަށް އޭއައިގެ އަށް ގާބިލިއްޔަތުކަމެއް އިތުރުކުރުމަށް ހިންގާ 24 މަސްދުވަހުގެ މަޝްރޫއެކެވެ.
މި މަސައްކަތް ކުރިއަށްދާނީ އޮފީހުގެ އަމިއްލަ އޭއައި ގަވަނަންސް ފްރޭމްވޯކެއްގެ ދަށުން، އޮފީހުގެ ފުރިހަމަ ކޮންޓްރޯލް އޮތް އިންފްރާސްޓްރަކްޗަރެއްގައެވެ.
މި މަޝްރޫއު އިފްތިތާހްކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަސައްކަތުގެ ދުވެލި 60 އިންސައްތަ އަވަސްވެގެންދާނެ ކަމަށް އެކްސްޕާޓުން ލަފާދެއްވާފައިވާ ކަމަށެވެ.
އަދި މިހާރު ދިރާސާކުރުމަށް ދެތިން މަސްދުވަސް ނަގާ މައްސަލަތައް، އޭއައިގެ އެހީގައި އެއް ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕީޖީ ވިދާޅުވި ގޮތުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޮފީހުގެ ޑޭޓާ ބެކަޕް އޮފީހުން ބޭރުގައި ނެތުމެވެ. ނަމަވެސް މި މަޝްރޫއުގެ ފުރަތަމަ 100 ދުވަސް ތެރޭގައި، ރައްކާތެރި ސޮވަރިން ސިސްޓަމެއްގެ ތެރެއަށް ބެކަޕް ބަދަލުކުރެވޭނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުން ކޯޓުތަކަށް ކަރުދާސް ފައިލްތައް ފޮނުވަން ޖެހޭ ޖެހުމަށް ނިމުމެއް ގެނެސް، މުޅި ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޭއައި އިން އަޅުގަނޑުމެންނަށް ކޮށްދޭނީ ޕްރޮސެކިއުޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން. ދިރާސާކުރުން އަވަސްކޮށް، ފުރަތަމަ ޑްރާފްޓްތައް ހަދައިދިނުން. އެކަމަކު އެއްވެސް ލިޔުމެއް އިންސާނަކު، އެބަހީ ޕްރޮސެކިއުޓަރަކު ޗެކްކޮށް ކަށަވަރުކޮށްފައި ނޫނީ އޮފީހުން ބޭރަކަށް ނުދާނެ،" އައްބާސް ޝަރީފް ވިދާޅުވިއެވެ.
ޕީޖީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ސިސްޓަމްގެ ސަބަބުން 2008 އިން ފެށިގެން މިހާތަނަށް ހުރި ހުރިހާ މައްސަލައެއް ދިރާސާކުރުމަށްފަހު، ފޯމުތައް ޖެނެރޭޓްކުރުމަށް ނަގާ ވަގުތު މިނެޓުކޮޅަކަށް ކުޑަވެގެންދާނެއެވެ.
މި މަޝްރޫއަކީ އިންސާނުންގެ ބާރު ކަނޑުވާލުމުގެ ބަދަލުގައި، އިންސާނުންނަށް އެހީތެރިވެ، ނިޒާމުގެ ހިންގުން ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.