އޮސްޓްރޭލިއާގެ ކްރިޕްޓޯލިންކް ކުންފުނިން ހިންގަމުންދާ ބިޓްކޮއިން އޭޓީއެމްތަކުގެ ހިދުމަތް ތިން މަސްދުވަހުގެ މުއްދަތަށް ހުއްޓުވައިފިއެވެ.
އެގައުމުގެ މަނީ ލޯންޑަރިންއާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ އޮސްޓްރެކް އިން މި ފިޔަވަޅު އަޅާފައިވަނީ މާލީ މުއާމަލާތްތައް ރިޕޯޓްކުރުމުގައި ފުރިހަމަކުރަންޖެހޭ އަސާސީ ގަވާއިދުތަކަށް އެ ކުންފުނިން އިހުމާލުވެފައިވާތީއެވެ.
އޮސްޓްރެކްގެ ސީއީއޯ ބްރެންޑަން ތޯމަސް ވިދާޅުވި ގޮތުގައި، ކްރިޕްޓޯލިންކްގެ ވާޗުއަލް އެސެޓް ސާވިސް ޕްރޮވައިޑަރުގެ ރަޖިސްޓްރޭޝަން ސަސްޕެންޑްކޮށްފައިވަނީ އާދީއްތަ ދުވަހުން ފެށިގެންނެވެ. މީގެ ސަބަބުން އޮސްޓްރޭލިއާގެ ސިޑްނީ، މެލްބަން އަދި ބްރިސްބޭން ފަދަ ބޮޑެތި ސިޓީތަކުގައި ބަހައްޓާފައިވާ އެ ކުންފުނީގެ 96 އޭޓީއެމްގެ ހިދުމަތް މި މުއްދަތުގައި މުޅިން މެދުކެނޑޭނެއެވެ.
އޮސްޓްރެކުން ހާމަކުރި ގޮތުގައި، ކްރިޕްޓޯލިންކުން ވަނީ ވަކި މިންވަރަކަށް ވުރެ ގިނައިން ކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ރިޕޯޓްކުރުމުގެ އިތުރުން އިދާރާއިން އެދުނު މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިންކާރުކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އޮސްޓްރެކުން ވަނީ ކްރިޕްޓޯލިންކް 56,340 އޮސްޓްރޭލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. އެ ކުންފުނިން މިހާރު ވަނީ އެ ޖޫރިމަނާ ފައިސާ ދައްކާފައެވެ. ނަމަވެސް، ނުރައްކާ ބޮޑު މާލީ މުއާމަލާތްތައް ކޮންޓްރޯލްކުރުމުގެ ގާބިލުކަން އެ ކުންފުނީގައި ހުރިކަމާމެދު އަދިވެސް ކަންބޮޑުވުންތައް ހުރިކަމަށް ރެގިއުލޭޓަރުން ބުނެއެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެންމެ ގިނައިން ކްރިޕްޓޯ އޭޓީއެމް ހުންނަ ގައުމަކީ އޮސްޓްރޭލިއާއެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ގައުމުގެ ސަރުކާރުން ވަނީ ކްރިޕްޓޯ އޭޓީއެމްތައް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އޭޓީއެމްތަކުން ފައިސާ ނެގުމާއި ޖަމާކުރުމުގެ ލިމިޓެއްގެ ގޮތުގައި 5,000 އޮސްޓްރޭލިއަން ޑޮލަރު ކަނޑައަޅާފައެވެ. މިއީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މަނީ ލޯންޑަރިންގެ ޝިކާރައަކަށް ވިޔަނުދިނުމަށްޓަކައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
ކްރިޕްޓޯ އޭޓީއެމްތައް މެދުވެރިކޮށް ހިންގާ މާލީ އޮޅުވާލުންތަކާއި މަނީ ލޯންޑަރިންގެ މައްސަލަތައް އިތުރުވަމުންދާތީ، ދުނިޔޭގެ އެކި ގައުމުތަކުގެ މާލީ އިދާރާތަކުން ދަނީ މިފަދަ ހިދުމަތްތައް ރެގިއުލޭޓްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ހާއްސަކޮށް، ވާޗުއަލް އެސެޓް ސާވިސް ޕްރޮވައިޑަރުން މާލީ މުއާމަލާތްތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހާމަނުކުރުމާއި، ކަސްޓަމަރުންގެ މައުލޫމާތު ކަށަވަރުކުރުމުގެ (ކޭވައިސީ) އުސޫލުތަކަށް އިހުމާލުވުމަކީ މުޅި މާލީ ނިޒާމުގެ ނަޒާހަތްތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ގައުމުތަކުން ދެކެއެވެ.
މީގެ އިތުރުން، ސައިބާ ކުށްވެރިންނާއި މަކަރުވެރިން އާންމުންގެ އަތުން އޮޅުވާލައިގެން ހޯދާ ފައިސާ އަނބުރާ ހޯދިޔަނުދިނުމަށްޓަކައި ކްރިޕްޓޯ އޭޓީއެމްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ފުރިހަމައަށް ގަވާއިދަށް ނުފެތޭ ކުންފުނިތަކުގެ ހިދުމަތްތައް ހުއްޓުވުމަށް ރެގިއުލޭޓަރުން ދަނީ ފަސްޖެހުމެއްނެތް ފިޔަވަޅުތައް އަޅަމުންނެވެ.