މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިން ފެސިލިޓީއެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ބޭރު ފައިސާއިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިން ފެސިލިޓީއެއް ހެދުމަށް ސަރުކާރުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށެވެ.
މި މަސައްކަތަށް ބޭނުންވާ ބިން ނުވަތަ ޖާގަ މި މަހުގެ ތެރޭގައި ހަމަޖެހޭނެކަމުގެ ޔަގީންކަން އޮތް ކަމަށާއި، ބިން ލިބުމާއެކު އަމަލީ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީ ސައުދީ ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ތިލަފުށީގައި އެމްޓީސީސީން އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްތަކެއް އެބަހުއްޓެވެ.
އައު ފެސިލިޓީއާއެކު ކުންފުނީގެ އާމްދަނީ ޑައިވާސިފައިވެ، އިތުރު ވިޔަފާރީގެ ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ.
"ސަރުކާރުން އަޅުގަނޑުމެންނަށް މިހާރު ހުއްދަ ދެއްވާފަ އެއޮތީ. މިސާލަކަށް އަޅުގަނޑުމެން މި ބޭނުންކުރާ މަހާޖައްރާފުތައް. އެއީ އިންޓާނޭޝަނަލީ ރެޖިސްޓާކޮށްފަ ކްލާސްކޮށްފަ ހުންނަ އެއްޗިސްކަމަށް ވާތީ ވަކި ޕީރިއަޑްތަކެއްގައި އަޅުގަނޑުމެން ޖެހޭ ސާވިސްކުރަން މިގެންދަންޖެހެނީ ރާއްޖެއިން ބޭރުގެ އެކިއެކި ޑޮކިންގ ފެސިލިޓީތަކަށް ސާވިސްކުރަން. އެހެކަމުން މިކަމަށް ވަރަށް ބޮޑު ޚަރަދުތަކެއް ބޭރުފައިސާއިން އެބަ ކުރަންޖެހޭ." ރާއްޖެއިން ބޭރަށް ކުރަންޖެހޭ ހޭދައާ ގުޅޭގޮތުން ސައުދީ ވިދާޅުވިއެވެ.
މި ފެސިލިޓީ ގާއިމުކުރާނީ އެމްޓީސީސީއާއި ސަރުކާރާ ގުޅިގެން އެކުލަވާލެވޭ ޕްލޭނެއްގެ ދަށުންނެވެ. މި ޕްލޭންގެ ދަށުން ޓްރާންޝިޕްމެންޓް ޕޯޓަކާއި، ބަންކަރިން ފެސިލިޓީއެއްވެސް ގާއިމްކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިފަދަ އިތުރު ޚިދުމަތްތަކާއެކު ފެސިލިޓީ ގާއިމްކުރުމުން، ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.