ފުވައްމުލަކުގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުން ހިމެނޭޙެން ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއަށް ދީފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު 22 މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ފޮޓޯ: ހައުސިން މިނިސްޓްރީ

ފުވައްމުލަކު ސިޓީގައި ނުވަ ފަންގިފިލާގެ އޮފީސް ކޮމްޕްލެކްސް އެއް އެޅުމާއި ބައެއް ރަށްރަށުގެ މަގު ހެދުން ހިމެނޭހެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ 22 މަޝްރޫއެއް ހަވާލުކޮށްފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ 22 މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.

އެމްޓީސީސީއާ ހައުސިން މިނިސްޓްރީން ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލަކުގެ އޮފީސް ކޮމްޕްލެކްސްގެ އިތުރުން، އަށް ރަށެއްގެ މަގުތައް ހެދުމާއި ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ހަ ރަށެއްގެ ބަނދަރު ހަދައި ތަރައްގީކުރުމާއި ދެ ރަށެއްގެ ބީޗު ތަރައްގީކުރުން ހިމެނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ، މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ދާނީ ‏އދ. ހަންޏާމީދުއާއި ބ. ކަމަދުއާއި ކ. މާފުށްޓާއި ނ. މާޅެންދުއާއި ރ. އަނގޮޅިތީމާއި އެ އަތޮޅު ވާދުއާއި ށ. ކޮމަންޑުއާއި ތ. ވަންދޫގައި ކަމަށެވެ.

‏ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ކުރިއަށް ދާނީ އއ. މާޅޮހާއި ހއ. ތުރާކުނާއި ހދ. ނައިވާދުއާއި ހއ. ވަށަފަރާއި ނ. މިލަދޫގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ‏ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ކުރިއަށް ދާނީ ‏ކ. ތުލުސްދުއާއި ގއ. ކަނޑުހުޅުދުއާއި އެ އަތޮޅު ނިލަންދުއާއި ތ. ކަނޑޫދުއާއި އެ އަތޮޅު ވިލުފުށްޓާއި ނ. ހޮޅުމީދޫގައި ކަމަށާއި، ބީޗު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ދާނީ ‏ހދ. ވައިކަރަދުއާއި ރ. ފައިނުގައި ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެކަމަކު މި މަޝްރޫއުތަކަށް ޚަރަދު ވާނެ ވަރެއް މިނިސްޓްރީން ވެސް އެމްޓީސީސީން ވެސް މިހާތަނަށް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް