އިންޑިއާގައި އަންހެނުންނަށް ފައިސާދޭ ސްކީމަކަށް ވަދެއުޅުނު 29،000 ފިރިހެނުން އުނިކޮށްފި

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގައި އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ސްކީމަކުން ނުވަ މިލިއަނަށް ވުރެ ގިނަ މީހުން އުނިކޮށްފިއެވެ.

މި ސްކީމުން އުނިކުރި މީހުންގެ ތެރޭގައި 29،000 ފިރިހެނުންނާއި 8،000 ސަރުކާރު މުވައްޒަފުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަހާރާޝްތުރާގެ ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް މިނިސްޓަރު އަދިތީ ތަތްކަރޭ ވިދާޅުވި ގޮތުގައި، މީހުން އުނިކުރީ އިލެކްޓްރޯނިކް އައިޑެންޓިޓީ ވެރިފިކޭޝަން (އީ ކޭވައިސީ) ފުރިހަމަނުކުރުމާއި ޝަރުތު ހަމަނުވާތީއެވެ. އީ ކޭވައިސީ މަޖުބޫރުކުރުމާ ގުޅިގެން ސްކީމުގައި ހިމެނޭ މީހުންގެ އަދަދު 26.3 މިލިއަނުން 17 މިލިއަނަށް ވަނީ ދަށްވެފައެވެ.

މިދިޔަ ޖޫން މަހު ފެށި މި ސްކީމުގެ ދަށުން، ޝަރުތު ހަމަވާ އުމުރުން 21 އަހަރާއި 65 އަހަރާ ދެމެދުގެ އަންހެނުންނަށް މަހަކު 1،500 ރުޕީސް ދެއެވެ. ނަމަވެސް، އިންޑިއާގެ ނޭޝަނަލް އޮޑިޓަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި ސްކީމަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް 35.41 ބިލިއަން ރުޕީސް ވަނީ ޚަރަދުކޮށްފައެވެ.

ޝަރުތު ހަމަނުވާ ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތަތްކަރޭ ވިދާޅުވިއެވެ. މި ސްކީމަކީ މަހާރާޝްތުރާގެ އިންތިޚާބާ ދިމާކޮށް ފެށި ސްކީމަކަށް ވާއިރު، މިއީ ވެރިކަންކުރާ ކޯލިޝަނަށް އިންތިޚާބު ކާމިޔާބުކުރުމަށް އެހީތެރިވެދިން ސްކީމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ސްކީމުގެ ސަބަބުން އާމްދަނީ މަދު އަންހެނުންނަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ. ސްކީމުން އެހީ ލިބުނު އަންހެނަކު ބުނި ގޮތުގައި، މިއީ ކުޑަ އަދަދެއް ނަމަވެސް ބޭސްފަރުވާގެ ކަންކަމަށް މީގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް