އިންޑިއާގެ މަރުކަޒީ ބޭންކުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމުގައި ބޭރު ފައިސާގެ ރިޒާވް ރެކޯޑް އަދަދަކަށް އިތުރުވާން ގާތްވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ގެ ތަފާސްހިސާބާ ހަވާލާދީ ބްލޫމްބާގް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި, މިދިޔަ މަހުގެ ފަހު ހަފުތާ ތެރޭގައި އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް 10.5 ބިލިއަން ޑޮލަރުން އިތުރުވެ، 692.9 ބިލިއަން ޑޮލަރަށް ވަނީ އަރައިފައެވެ. އެއީ މިހާތަނަށް އެ ގައުމުގައި ބޭރު ފައިސާގެ ރިޒާވް އެންމެ މަތިވި ދުވަސްވަރު ކަމަށްވާ، މިދިޔަ ފެބުރުވަރީ މަހު އެ އަދަދު އިތުރުވި މިންވަރާ ގާތް އަދަދެކެވެ. އެގޮތުން ފެބުރުވަރީ މަހު ބޭރު ފައިސާގެ ރިޒާވް 728.5 ޑޮލަރަށް އެރިއެވެ.
ބްލޫމްބާގް ނޫހުގައިވާ ގޮތުގައި، މަރުކަޒީ ބޭންކުން އަޅައިފައިވާ ފިޔަވަޅުތަކާ ގުޅިގެން ޖެހިޖެހިގެން ފަސް ހަފުތާގައި ބޭރު ފައިސާގެ ރިޒާވް ވަނީ އިތުރުވެފައެވެ. އެގޮތުން ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންގެ ފޮނުވާ ފައިސާއާއި ލޯނުގެ އެހީގައި، އާރުބީއައިއިން 40.8 ބިލިއަން ޑޮލަރު ހޯދައިފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
އިތުރުވި ބޭރު ފައިސާއާއެކު، އިންޑިއާ ރުޕީސްގެ އަގު މަތިކުރެވޭނެ ކަމަށް އެނެލިސްޓުން ލަފާކުރައްވައެވެ. އެގޮތުން މިދިޔަ މެއި މަހު ރުޕީސްގެ އަގު ރެކޯޑު އަގަކަށް ވެއްޓުނު ނަމަވެސް، އޭގެ ފަހުން ފައިސާގެ އަގު 1.8 ޕަސެންޓް އުފުލިފައިވާ ކަމަށް ބްލޫމްބާގްގައި ރިޕޯޓުކޮށްފައިވެއެވެ.
އެހެންނަމަވެސް، ރުޕީސްގެ އަގު މަތިކުރުމަށް އާރުބީއައި އިން އިތުރަށް ޑޮލަރު ވިއްކައިފި ނަމަ، ރިޒާވް ރެކޯޑް އަދަދަކަށް ނޭރުމަކީ ވެސް އެކަށީގެންވާ ކަމެއްކަން އެނެލިސްޓުން ފާހަގަކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގެ އިތުރުން އަވަށްޓެރި ސްރީލަންކާއިން ވެސް ވަނީ އެ ގައުމުގެ ރިޒާވް އިތުރުކޮށްފައެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ގައުމުގެ ރަސްމީ ރިޒާވް 6.59 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައިވާއިރު، އެއީ ޖޫން މަހާ އަޅައި ބަލާއިރު 133 މިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ.