ގދ. ފަރެސްމާތޮޑާގެ އަތިރިމަތިންނާއި ކައިރި ފަޅުރަށްތަކުން ވެލި ނެގުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން އިއްޔެ އިލްތިމާސްކޮށްފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ފަހަކަށް އައިސް ފަރެސްމާތޮޑާގެ އަތިރިމަތިންނާއި އެ ރަށާ ކައިރި ފަޅުރަށްތަކުން ކަށިވެލި ނަގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކަމުގެ ސަބަބުން، ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، އެ ރަށުގެ ގޮނޑުދޮށް ގިރުމާއި އުދައެރުން ފަދަ ތިމާވެށީގެ ނުރައްކާތައް ދިމާވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ ގެއްލުންތައް ލިބޭތީ، ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުތަކާއި ގަވައިދުތަކުގައި ވެސް ކަށިވެލި ނެގުން ފަދަ ކަންކަން ކުރުން މަނާކޮށްފައިވާކަން ފަރެސްމާތޮޑާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެހެންވެ، އެ ރަށުގެ ރައްކާތެރިކަމަށްޓަކައި، ފަޅުރަށްތަކާއި އެ ރަށުގެ އަތިރިމަތިން ކަށިވެލި ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް ފަރެސްމާތޮޑާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ކައުންސިލުން މި ފަދައިން އިލްތިމާސްކުރިއިރު، މިދިޔަ ޖުލައި 26ގައި ފަރެސްމާތޮޑާ ކައިރި ފަޅުރަށަކުން ވެލި ނަގަނިކޮށް، އެ މީހުން ވަނީ ހުއްޓުވާފައެވެ. އަދި، އެ ވެލި ބަސްތާތައް ވަނީ އެ ރަށަށް ހުސްކުރުވާފައެވެ.
ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައި ވަނީ، ފަޅު ރަށްރަށުގެ ގޮނޑުދޮށުން، ޚާއްސަ ހުއްދައެއް ނެތި ވެލި ނެގުން މަނާކޮށްފައެވެ. އެހެންނަމަވެސް، އެކި ބޭނުންތަކަށް ރަށްރަށުގެ ގޮނޑުދޮށުން ވެލި ނެގުމަކީ ޒަމާނުއްސުރެ ވަރަށް އާންމު ކަމެކެވެ.