ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ: މެޓް

ވިއްސާރަ ދުވަހެއްގައި މީހަކު ކުޑައެއް ނަގައިގެން -- ސަންފޮޓޯ/ ނާއިލް ހުސައިން

ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.

މެޓުން ބުނީ، މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

މިގޮތުން، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ، އިރުދެކުނާއި ދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި، އެހެނިހެން ސަރަހައްދުތަކަށް ވައި ޖެހޭނީ، އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެއެވެ.

މީގެ އިތުރުން، މި ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޓުން ބުނި ގޮތުގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް މިއަދު އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މި ދުވަސްވަރު ވިއްސާރަ ކުރަމުން އަންނައިރު، ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ. މިގޮތުން، މިދިޔަ ހަފުތާގައި ހިލައާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުކުރި ސަޕްލައި ދޯންޏެއް ވަނީ އަޑިއަށް ގޮސްފައެވެ.

އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.

https://sun.mv/225763

އެއީ ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ޕޮލިސް ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދާއި، އަޑިއަށް ދިޔަ ދޯނީގެ ކައްޕި ކަމަށްވާ ތ. މަޑިފުއްޓަށް އުފަން، 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.

އެހެންވެ، މި ދުވަސްވަރު ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުން މުހިންމެވެ.

comment ކޮމެންޓް