އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ހުކުރު ދުވަހާ ހިސާބަށް މޫސުން ގޯސްކޮށް އޮތުމަށް ފަހު، ހޮނިހިރު ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެއެވެ. މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުންނެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ކަނޑުތަކަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައެވެ.
މީގެ އިތުރުން، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލު މިއަދުގެ 17:00 އަށް ވަނީ ދަންމާލާފައެވެ. އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.