ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ ހާދިސާއަކީ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް މިދިޔަ ބުދަ ދުވަހު ތ. މަޑިފުށިން ފުރައި، ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ހާދިސާއެކެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.
ނަމަވެސް އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.
އެއީ ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދާއި، އަޑިއަށް ދިޔަ ދޯނީގެ ކައްޕި ކަމަށްވާ ތ. މަޑިފުއްޓަށް އުފަން، 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެންމެ އިސްކަންދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށެވެ.
ގެއްލިގެން އުޅޭ ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަނީ --- ފޮޓޯ/ އެމްއެންޑީއެފްމިގޮތުން، އެ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާ ކަމުގެ ޔަގީން ދީފައެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ، އެ މީހުން ސަލާމަތްކުރަން ބޭރުގެ އެހީ ނުހޯދަނީ ކީއްވެތޯ ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.
އެ ތިން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ޔޫއޭވީ (ޑްރޯން)ގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ މީހުން ގެއްލުމާއެކު މުޅި ސޯޝަލް މީޑިއާގައި ވަނީ އެ މީހުންނަށް ހެޔޮ ދުއާތަކުން ފުރާލާފައެވެ. އެންމެން އަންނަނީ ތިން މީހުން ވެސް ސަލާމަތުން ފެންނާނެ ކަމަށް ދުއާ ކުރަމުންނެވެ.