ގުރޫޕު މާރާމާރީ ހިންގުމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނެއްގެ ބަންދަށް 45 ދުވަސް

އެސްއޯ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވުން: ގުރޫޕު މާރާމާރީ ހިންގުމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނެއްގެ ބަންދަށް ވަނީ 45 ދުވަސް ޖަހައިފައި -- ސަން ފޮޓޯ: ހުސެން ހަސަން

ޖަމާއަތް ހަދައިގެން މާރާމާރީ ހިންގައި ބައެއްގެ މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަން އިއްޔެ ކްރިމިނަލް ކޯޓުން 45 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން ބަންދުގެ މުއްތަދު ޖަހާފައިވަނީ ގދ. ގައްދުއަށް ނިސްބަތްވާ 19 އަހަރުގެ ފިރިހެނަކަށެވެ.

އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހެކިބަސް ބަޔާންތަކާއި، ސީސީޓީވީ ފްޓޭޖްގެ ސްނެޕްޝޮޓްތަކާއި، އިންޓެލިޖަންސް ރިޕޯޓް ހިމެނެއެވެ. މީގެ އިތުރުން މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ.

ކޯޓުން އޭނާ 45 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނިންމީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެ މައްސަލައަކީ ޖަމާއަތް ހަދައިގެން މާރާމާރީ ހިންގުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް