ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ޖޫން 21 ގައި ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެތެރެއިން.. --- ފޮޓޯ: އިމިގްރޭޝަން

ގދ. ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މިއީ މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިފުތިތާހު ކުރި ޚިދުމަތެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއެކު ގދ. އަތޮޅުގެ ދެ ރަށަކުން މިހާރު މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ޕާސްޕޯޓަށް އެދި ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫ ވެސް މިހާރު އިޚްތިޔާރު ކުރެވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން މީގެ ކުރިން ބޮޑު ހޭދައެއްކޮށް، މާލެއަށް ދަތުރުކުރަން ޖެހުމަކީ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެކެވެ. އެގޮތުން އެތައް ޚަރަދެއްކޮށް މާލެ ގޮސް އެތަކެއް ދުވަހެއް ހޭދަކުރަން ޖެހެއެވެ.

ނަމަވެސް، މި ޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ މި ބޮޑު ބުރައަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

"ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި މިއަދު ވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައި." އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވެއެވެ.

ގދ ގައްދޫގައި ޕާސްޕޯޓްގެ ޚިދުމަތް ފެށުމަށްފަހު އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓް ކުރި ފޮޓޯ....

ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މި މަސައްކަތުގެ ދަށުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

ގދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ.

މި ބަދަލާއެކު އިމިގްރޭޝަންގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން، އަވަސްކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

ގައްދޫގައި މި ޚިދުމަތް ފެށިއިރު، އިމިގްރޭޝަނުން އެންމެ ފަހުން ޕާސްޕޯޓްގެ ޚިދުމަތް ފަށާފައިވަނީ ބ. ދަރަވަންދޫގައެވެ.

އެ ރަށުގައި މި ޚިދުމަތް ފެށީ ޖޫންމަހުގެ 21 ގައެވެ.

comment ކޮމެންޓް