ހދ. ވައިކަރަދޫ ރަށު ކައުންސިލު މެދުވެރިވެ، އެ ރަށުން ގިނަ އަދަދެއްގެ ގަސްގަހާގެހި އުފުރައިގެން ރަށުން ބޭރުކުރަމުންދާ ކަމަށް ބުނެ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު، އެ ރަށުގެ އަމިއްލަ ފަރާތެއް ކަމަށްވާ އަލީ ރިފްހާނެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ މައްސަލަ ބަލައިގަނެ ބުރާސްފަތި ދުވަހު މައްސަލަ ރައްދުވާ ފަރާތް ކަމަށްވާ ވައިކަރަދޫ ކައުންސިލަށް އެކަން އަންގައި މައްސަލަ ހިއްސާކޮށްފައެވެ.
ދައުވާގައި ބުނެފައިވަނީ ރަށުގެ ތިމާވެއްޓާއި ގަސްކަރަ ރައްކާތެރިކުރުމަކީ ލޯކަލް ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ވީނަމަވެސް، ކައުންސިލުން އެ ޒިންމާ އަދާނުކޮށް، އެއްވެސް އުސޫލެއް ނެތި ގަސްތަކާއި ރަށުގެ ކަޅުފަސް ބޭރުކުރުމަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.
ރިފްހާންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ގިނަދުވަސް ވެފައިވާ ގަސްތަކަށް ގާނޫނީ ހިމާޔަތް ލިބިދީފައިވެއެވެ. އަދި މިފަދަ ގަސްތަކުގެ ދަފްތަރެއް ތައްޔާރުކޮށް އަދާހަމަކުރުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް ވައިކަރަދޫ ކައުންސިލުން އެކަން ކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ތިމާވެށި ހިމާޔަތްކުރުމުގެ ހައްގާއި، ދިރިއުޅުމަށް ސާފު ސިއްހަތަށް ރަނގަޅު ވެއްޓެއް ލިބުމުގެ ހައްގު ކަށަވަރުކުރުމަށް ކައުންސިލް އިހުމާލުވެފައިވާ ކަމަށްވެސް ދަޢުވާގައި ބުނެފައިވެއެވެ.
"ގަސްގަހާގެއްސަކީ ރަށުގެ ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ގުދުރަތީ ވަސީލަތެއް،" ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ރަށުގެ ދުވަސްވީ މުއްސަނދި ކަޅުފަސް ބޭރުކުރުމަކީ ކާބޯތަކެތީގެ ވިލުންތެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ބުނެފައިވެއެވެ.
އަދި އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ ވިހަކުނޑިވައިގެ ނޭދެވޭ އަސަރުން ސަލާމަތްވުމަށް ވައި ސާފުކޮށްދޭ ގަސްތަކަކީ މުހިންމު ވަސީލަތެއް ކަމަށާއި، ދުނިޔެ ހޫނުވަމުންދާ ދަނޑިވަޅެއްގައި ރަށުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ގަސްތަކުގެ ދައުރު ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި އަލީ ރިފްހާން އެދިފައިވަނީ ރަށުގެ ގަސްކަރައަށާއި ފަސްގަނޑަށް ދެމުންދާ ގެއްލުންތައް ހުއްޓުވައި، ކައުންސިލުގެ އަމަލުތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި ގާނޫނީ ފަރުވާއެއް ކޯޓުން ހޯދައިދިނުމަށްވެސް ވަނީ އެދިފައެވެ.