ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ނެގޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހާއެކު މަޝްރޫޢުތައް އަވަސްވާނެ: ނިމާލް

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް -- ފޮޓޯ/ އެލްޖީއޭ

ތަރައްގީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރަށްރަށުގައި މަޝްރޫޢުތައް އަވަސްވާނެ އިސްލާހެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް މިފަދައިން ވިދާޅުވެފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުގައި ކައުންސިލައް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި، މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ކަނޑައެޅުމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމަށް، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި މިގޮތަށް ބޭނުންވާ ބިންތައް، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރަށް ނެގޭނެ ކަމަށް ބިލުގައިވެއެވެ.

https://sun.mv/225608

އެލްޖީއޭގެ ސީއީއޯ ނިމާލް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ރަށެއްގައި މަޝްރޫޢެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ބައެއް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ ކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބެއެވެ.

"ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިތުރުން ކައުންސިލްތަކަކީ ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު އެކަމަށް މަގުފަހިކޮށްދޭ ފަށަލައެއް. އެ އެއްބާރުލުން ކޮންމެ ކައުންސިލަކުންވެސް ދޭންވާނެ. އެކަމަކު ބައެއްފަހަރު ބިން ދިނުމުގައި ކައުންސިލްތަކުން ފަސްޖެހޭ،" ނިމާލް ވިދާޅުވިއެވެ.

މި ބިލު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ވިދާޅުވީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާޢަތުތައް ހަރުދަނާކުރުމަކީވެސް މި އިސްލާހުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިޚްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތް ހިމެނޭހެން ކައުންސިލުތަކުގެ ބައެއް ބާރުތައް ހަނިކުރަން ނިންމައި، މިދިޔަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަމަ އެއާއެކު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދިނުން ފަދަ ކަންކަން ބައެއް ކައުންސިލުތަކުން ކޮށް، މަޝްރޫއުތައް ހިންގަން ހުރަސް އަޅާ ކަމަށް އެކި ފަހަރު މަތިން ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވިދާޅުވެފައި ވެސް ވެއެވެ.

comment ކޮމެންޓް