އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވުން: ފަސްކުރި އިންތިޚާބު ބާއްވަނީ މި މަހު 31ގައި

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް: އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބު މިމަހު 31 ގައި ބޭއްވުމަށް ނިންމައިފި -- ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، ބޭއްވުމަށް އެ އޮތޯރިޓީން ފުރަތަމަ ނިންމީ އޮގަސްޓު މަހުގެ އަށްވަނަ ދުވަހުގައެވެ. ނަމަވެސް އެ މަހުގެ ހަތަރުވަނަ ދުވަހު އެލްޖީއޭއިން ވަނީ އެ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމިކަން އިއުލާންކޮށްފައެވެ.

https://sun.mv/225591

އެއަށްފަހު އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު ވަނީ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ޖެހުނީ ދިމާވި އިދާރީ މައްސަލައަކާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

ނިމާލު އޭރު ވަނީ އިންތިޚާބަށް ތައްޔާރުވުމަށް އެލްޖީއޭގެ ފަރާތުން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރި ކަމަށާއި ނަމަވެސް ކައުންސިލްތަކުން އޭނާއަށް ޝަކުވާތައް ހުށަހަޅަމުން ދިޔުމުގެ ސަބަބުން އެ އިންތިޚާބު ފަސްކުރަން ޖެހުނު ކަމަށް ވިދާޅުވެފައެވެ.

https://sun.mv/227041

އެ އޮތޯރިޓީން ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވަނީ، ފަސްކުރި އިންތިޚާބު މި މަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ވަނީ ޖުލައި 21 ވަނަ ދުވަހު ގުރުލައިގެން ތަރުތީބުކުރި ނަންތައް އެ ތަރުތީބުން އަނެއްކާ ވެސް އާންމުކޮށްފައެވެ. އެ އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައި އޮތީ:

ރަށު ކައުންސިލަރުންގެ ތެރެއިން:

  • ފ. ނިލަންދޫ ކައުންސިލްގެ ރަައީސް އަލީ އަހުމަދު (ޕީއެންސީ)
  • ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރު (އެމްޑީޕީ)

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކުރިމަތިލީ:

  • ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ)
  • ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ)

ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި، ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ނުވަތަ ގާނޫނުގައި ކުރުން މަނާ ކަމަށް ބުނެފައިވާ ކަމެއް ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ހިމެނެއެވެ. އަދި އެ ފިޔަވަޅުތަކުގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރި ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް