ވެރިކަން ކުރަން ނޭނގޭ ނަމަ ނުވަތަ އިގްތިސާދު މެނޭޖު ނުކުރެވޭ ނަމަ، އެކަން ކުރަން އެނގޭ "ނަސީބު ރަނގަޅު" ބަޔަކާ ވެރިކަން ހަވާލުކޮށްފައި ދުރަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅުވައިގެން ސަންގު ޓީވީން ރޭ ގެނައި ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، މިހާރުގެ ސަރުކާރުން އިގްތިސާދު މެނޭޖުކުރުމަށް ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އިގްތިސާދީ ދުވެލި ބާރުވުމާއި މަޑުޖެހުން ސީދާ ބިނާ ވަނީ އޭރަކު އޮންނަ ސަރުކާރަކުން ކަންކަން ރޭވުންތެރިކަމާއެކު މެނޭޖުކުރާ ގޮތުގެ މައްޗަށެވެ.
އަދި ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނައި ތަރައްގީއަކީ "ނަސީބު" ރަނގަޅުވުމުން ވީކަމެއް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އިގްތިސާދަކީ މޫސުން ބަދަލުވުމުން ގޮނޑުދޮށަށް ރާޅުއަރައި ވެލިގަނޑު ބޮޑުވެ ކަހާލާ އުސޫލުން އޭގެ ޒާތުގައި ބަދަލުވާ އެއްޗެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި، މުޅި ދައުލަތުގެ ޑިމާންޑް ކޮންޓްރޯލްކުރުމާއި، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތައް ދުރާލާ ދިރާސާކޮށްގެން ފިޔަވަޅު އެޅުމަކީ ސަރުކާރުގެ އެންމެ އިސް ޒިންމާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ ހުރިހާ ކަމެއްގެ އެންމެ އިސްވެ ބަލަހައްޓަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާތީ، އިގްތިސާދަށް އަންނަ ލޮޅުންތަކުގެ މުޅި ޒިންމާ ވެރިން އުފުލަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި މެކްރޯ އިކޮނޮމިކްސް ކިޔަވާ ކުއްޖަކަށް ވެސް ދައުލަތުގެ ޖުމްލަ ބޭނުންތަކާއި އާމްދަނީ ބައްޓަންވާ ގޮތް އެނގޭނެއެވެ.
އެއާ ޚިލާފަށް އެކަންކަން ހަމަމަގަށް އެޅުވުމުގެ ބަދަލުގައި މުސްތަގުބަލުގައި ވާނެ ގޮތެއްގެ އިންތިޒާރުގައި ތިބުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވެރިކަން ކުރަން ނޭނގޭނަމަ ނުވަތަ އިގްތިސާދު މެނޭޖު ނުކުރެވޭނަމަ، އެކަން ކުރަން އެނގޭ "ނަސީބު ރަނގަޅު" ބަޔަކާ ވެރިކަން ހަވާލުކޮށްފައި ދުރަށް ވަޑައިގަތުމަށް ޔާމީން ވަނީ ގޮވާލައްވާފައެވެ.