އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ވަކީލު ޓޮޑް ބްލާންޗް އެޓާނީ ޖެނެރަލް ކަމަށް އައްޔަނުކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ، ސެނެޓުން މިއަދު ރުހުން ދީފިއެވެ.
އެމެރިކާގެ ސެނެޓުގައި ނެގި ވޯޓުގައި، އެޓާނީ ޖެނެރަލްގެ މަގާމަށް ބްލާންޗް އައްޔަންކުރަން ފާސްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. އެގޮތުން އޭނާ މަގާމަށް އައްޔަންކުރަން 50 ސެނެޓަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް 49 ސެނެޓަރުން ވޯޓު ދެއްވިއެވެ.
ބްލާންޗްއާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ދެ ސެނެޓަރުން ކަމަށްވާ ސޫސަން ކޮލިންސްއާއި ލީސާ މާކައުސްކީ ހިމެނެއެވެ.
ބްލާންޗް، ޓްރަމްޕްގެ ވަކީލުންގެ ޓީމާ ގުޅިވަޑައިގަތީ 2023ގައެވެ. އެއީ 2024ގައި އޮތް ރިޔާސީ އިންތިޚާބަށް ޓްރަމްޕް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް، ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރި ދުވަސްވަރެވެެ. ޓްރަމްޕްއަކީ އެމެރިކާގެ ތާރީޚުގައި ވެސް ޖިނާއީ ދައުވާކޮށްފައިވާ ހަމައެކަނި ރައީސެވެ.
އެ މައްސަލައަކީ، ބަރަހަނާ ފިލްމުކުޅޭ އަންހެނަކާއެކު ޓްރަމްޕް ބޭއްވި ގުޅުން ފޮރުވަން، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި އޭނާއަށް 130،000 ޑޮލަރު ދީފައިވާ ކަމަށް ބުނާ މައްސަލައެވެ.
އެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ކުރި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވިއެވެ. ޓްރަމްޕް ދެވަނަ ދައުރަކަަށް ވާދަކުރެއްވި ކެމްޕޭން ތެރޭގައި ކުރިއަށްދިޔަ އެ ޝަރީއަތުގައި ހުކުމްކުރުން ފަސްކުރުމަށް ފަހު، މައްސަލަ ބެއްލެވި ފަނޑިޔާރު ފަހުން ނިންމެވީ އެ މައްސަލައިގައި އަދަބެއް ނުދިނުމަށެވެ. އެގޮތުން ޓްރަމްޕް ދެވަނަ ދައުރެއް ކަށަަވަރު ކުރެއްވި ފަހުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ކުރި ހުކުމުގައި ވަނީ ރައީސަށް ލިބިފައިވާ އިމްތިޔާޒުތަކަށް ބަލައި، އަދަބު ނުދޭން ނިންމައިފައިވާ ކަމަށެވެ.