ފޭސްބުކާއި އިންސްޓަގްރާމް ހިންގާ މެޓާ ކުންފުނީގެ ޕްލެޓްފޯމްތަކުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން، އެމެރިކާގެ ނިއު މެކްސިކޯގެ ސްޓޭޓް ފަންޑަކަށް 567 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އެ ސްޓޭޓުގެ ކޯޓަކުން މެޓާގެ މައްޗަށް އަމުރުކޮށްފިއެވެ.
ނިއު މެކްސިކޯގެ ސެންޓާ ފޭގެ ކޯޓަކުން ކުރި މި ހުކުމުގައިވާ ގޮތުން، މެޓާއިން ދައްކަންޖެހޭ ފައިސާގެ ތެރެއިން 420 މިލިއަން ޑޮލަރު ހާއްސަކުރެވޭނީ ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތްތައް ފުޅާކުރުމަށެވެ . އަދި ބާކީ 147 މިލިއަން ޑޮލަރު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރާނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކުދިންގެ ނަފްސާނީ ހާލަތު ދެނެގަތުމުގެ ސްކްރީނިން ޕްރޮގްރާމްތައް ހިންގުމަށެވެ.
ފައިސާގެ ބަދަލު ދިނުމުގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މެޓާގެ ޕްލެޓްފޯމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެގޮތުން، ކުޑަކުދިންނަށް ރައްކާތެރިކަމުގެ މައުލޫމާތާއި ނޭދެވޭ މެސެޖުތަކުން ރައްކާތެރިވާނެ ގޮތްތައް ބަޔާންކޮށްދޭ ބެނާތައް ދެއްކުމާއި، ކުޑަކުދިންގެ އެކައުންޓްތަކަށް ނޮޓިފިކޭޝަން ފޮނުވުން އިންތިހާއަށް ކޮންޓްރޯލްކުރުމުގެ އިތުރުން މަހަކު ބޭނުންކުރެވޭނެ ވަގުތު ލިމިޓްކުރުން ހިމެނެއެވެ.
މީގެއިތުރުން، ބޮޑެތި މީހުންނާއި ކުޑަކުދިންނާ ދެމެދު ކުރެވޭ މުއާމަލާތްތައް ވަރުގަދައަށް މޮނިޓަރުކޮށް ކޮންޓްރޯލްކުރުމަށާއި، އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޗެޓްބޮޓްތަކުން ކުދިންނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ރިޕޯޓުކުރުމުން އެކަންކަން ބަލާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްވެސް މެޓާއަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައަކީ ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ރައުލް ތޮރޭޒް މެޓާއާ ދެކޮޅަށް ހުށަހެޅުއްވި ދައުވާއެކެވެ. އެ ދައުވާގައި ބުނެފައިވަނީ، މެޓާއިން ވަނީ އެޑިކްޓިވް ނުވަތަ ދެވިހިފާ ގޮތަށް އެލްގޮރިޒަމްތައް ފަރުމާކޮށް، ކުޑަކުދިން ޖިންސީ ނާޖާއިޒު ފައިދާތަކުން ރައްކާތެރިކުރުމަށް ނުކުޅެދި، އާންމު އިޖުތިމާއީ އުނދަގުލެއް އުފައްދާފައެވެ.
މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި، މިއަހަރުގެ މާޗު މަހު ނެގި ޖޫރީގެ ނިންމުމުގައި މެޓާއިން އެ ސްޓޭޓުގެ ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާ ހިލާފުވެފައިވާކަން ސާބިތުވެ، 375 މިލިއަން ޑޮލަރުގެ ސިވިލް ޖޫރިމަނާއެއްވެސް ވަނީ މެޓާގެ މައްޗަށް އަޅާފައެވެ. އެހެންކަމުން މި މައްސަލައިގައި މެޓާއިން ދައްކަންޖެހޭ ފައިސާގެ މުޅި އަދަދު ވަނީ 900 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
މި ނިންމުމާ ގުޅިގެން މެޓާއިން ބުނެފައިވަނީ ކޯޓުގެ ހުކުމާމެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވާ ކަމަށާއި، އެ ނިންމުން އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގެއްލުންހުރި ކޮންޓެންޓްތައް ހުއްޓުވުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް މެޓާއިން ވަނީ ބުނެފައެވެ.