ސެމްސަންގުން އެ ކުންފުނީގެ މޮބައިލް ކެމެރާ ސެންސަރުތަކުގެ ސިލްސިލާއަށް އިތުރު ކުރިއެރުންތަކާއެކު 200 މެގަޕިކްސެލްގެ އައު "އައިސޯސެލް އެޗްޕީސީ" ސެންސަރު އާންމުކޮށް ތައާރަފުކޮށްފިއެވެ.
މިއީ ސެމްސަންގުގެ "ޑީޕްޕިކްސް" ޕިކްސެލް އާކިޓެކްޗާ ފުރަތަމަ ފަހަރަށް ބޭނުންކޮށްގެން އުފެއްދި ސެންސަރެކެވެ. މިއާއެކު ކެމެރާގެ އެޗްޑީއާރު ކޮލިޓީއާއި، އަލި މަޑު މާހައުލުތަކުގައި ނަގާ ފޮޓޯތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ސެންސަރުގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީގެ ސަބަބުން ކޮންމެ ޕިކްސެލްއަކަށް އަލި ދަމައިގަތުމުގެ ގާބިލުކަން ނުވަތަ "ފުލް ވެލް ކެޕޭސިޓީ" ކުރީގެ ސެންސަރުތަކާ އަޅާބަލާއިރު 60 އިންސައްތައަށް އިތުރުވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފޮޓޯތަކުގައި ހުންނަ ނޮއިސް މަދުވެ، އަލިގަދަ ބައިތަކާއި އަނދިރި ބައިތަކުގެ ތަފާތުތައް ވަރަށް ސާފުކޮށް އަދި އަސްލު ކުލަތަކާ އެއްގޮތަށް ދައްކުވައިދޭނެއެވެ.
އައިސޯސެލް އެޗްޕީސީ ސެންސަރަކީ އެކުއެކީގައި ނަގާ ސިންގަލް ފްރޭމް 16-ބިޓް އެޗްޑީއާރު ސަޕޯޓްކުރާ ސެންސަރެކެވެ. މިއީ އާދައިގެ އެޗްޑީއާރު ސިސްޓަމްތަކަށްވުރެ ހަތަރު ގުނަ އިތުރަށް ކުލައިގެ މައުލޫމާތު ރެކޯޑުކުރުމުގެ ގާބިލުކަން ލިބިގެންވާ ނިޒާމެކެވެ. މީގެ އިތުރުން 1x އިން ފެށިގެން 4x އާ ހަމައަށް ޒޫމް ކުރާއިރުވެސް އެޗްޑީއާރު ކޮލިޓީ ނުގެއްލި ފޮޓޯ ނެގުމުގެ ފުރުސަތު މި ސެންސަރުން ފޯރުކޮށްދެއެވެ.
ވިޑިއޯ ރެކޯޑުކުރުމުގެ ބައިން މިއީ 8ކޭ ރިޒޮލިއުޝަންގައި ސިކުންތަކު 30 ފްރޭމް، އަދި 4ކޭ ރިޒޮލިއުޝަންގައި ސިކުންތަކު 180 ފްރޭމްގެ ދުވެލީގައި ހައި-ސްޕީޑް ވީޑިއޯ ރެކޯޑުކުރެވޭ ސެންސަރެކެވެ.
މީގެ އިތުރުން ފުލް އެޗްޑީގައި ސިކުންތަކު 360 ފްރޭމްގައި ރެކޯޑުކުރެވޭ އިރު، އަލިއެޅުން މަދުކޮށްދޭ ހައި ޓްރާންސްމިޓަންސް އާއި މައިކްރޯލެންސް ފަދަ އޮޕްޓިކަލް ކުރިއެރުންތައްވެސް މި ސެންސަރުގައި ހިމެނެއެވެ.
މި ސެންސަރަކީ 1/1.3 އިންޗީގެ ސައިޒުގެ، 0.6 މައިކްރޯމީޓަރުގެ ޕިކްސެލްތަކެއް އެކުލެވޭ ސެންސަރެކެވެ. ސެމްސަންގުން ހާމަކޮށްފައިވާ ގޮތުގައި މި ސެންސަރުގެ މާސް ޕްރޮޑަކްޝަން ނުވަތަ އާންމުކޮށް އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އެންމެ ފުރަތަމަ މި ސެންސަރު ބޭނުންކުރާނީ ކޮން މޮޑެލެއްގެ ސްމާޓްފޯނެއްގައި ކަމެއް އެ ކުންފުނިން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ސެމްސަންގުން އަބަދުވެސް އަންނަނީ ކެމެރާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އައު އީޖާދުތައް ތައާރަފުކުރަމުން ----
ސެމްސަންގަކީ ދުނިޔޭގެ ސްމާޓްފޯން ބާޒާރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުންތެރިޔާ ކަމަށްވާއިރު، އެ ކުންފުނިން އަބަދުވެސް އަންނަނީ ކެމެރާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އައު އީޖާދުތައް ތައާރަފުކުރަމުންނެވެ.
ޚާއްސަކޮށް މޮބައިލް ފޯނުތަކުގައި ޑިޖިޓަލް ފޮޓޯގްރަފީގެ ފެންވަރު މަތިކުރުމަށްޓަކައި މަތީ ރިޒޮލިއުޝަންގެ ސެންސަރު އުފެއްދުމުގައި އެ ކުންފުނި ފާހަގަކުރެވެނީ އިސް ސަފުގައިވާ ފަރާތެއްގެ ގޮތުގައެވެ. މިގޮތުން މީގެ ކުރިންވެސް ބާޒާރަށް ނެރެފައިވާ މަތީ މެގާޕިކްސެލްގެ ސެންސަރުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ.
އަލަށް ތައާރަފުކޮށްފައިވާ މި "އައިސޯސެލް އެޗްޕީސީ" ސެންސަރާއެކު، އަލިކަން ކުޑަ މާހައުލުތަކުގައި ފޮޓޯނެގުމާއި ޑައިނަމިކް ރޭންޖް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.