ސެމްސަންގުގެ އެންމެ ފަހުގެ ޓެބްލެޓް ސީރީޒް ކަމަށްވާ "ގެލެކްސީ ޓެބް އެސް12" މިއަހަރުގެ ފަހުކޮޅު ބާޒާރަށް ނެރޭނެކަން އެ ކުންފުނިން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
މި ސީރީޒް ނެރޭނެކަން ކަށަވަރުކޮށްދެއްވީ ސެމްސަންގުގެ މޯބައިލް އެކްސްޕީރިއަންސް ބިޒްނަސްގެ އިސް ވެރިއެއް ކަމަށްވާ ޑެނިއަލް އަރައޫޖޯ، އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އަހަރުގެ ފަހުކޮޅު ނެރުމަށް ހަމަޖެހިފައިވާ އާ ފޯލްޑަބަލް ފޯނުތަކާއި، ގެލެކްސީ ޓެބް އެސް12 އަދި ގެލެކްސީ ވޮޗް އަލްޓްރާ 2 އިފްތިތާހުކުރުމަށް ސެމްސަންގުން ދަނީ ތައްޔާރުވަމުންނެވެ.
މީގެއިތުރުން، މި ސީރީޒްގެ "ގެލެކްސީ ޓެބް އެސް12 ޕްލަސް" (އެސްއެމް-އެކްސް 848 ޔޫ އަދި އެސްއެމް-އެކްސް 840 ޔޫ) މިހާރު ވަނީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ ޑޭޓާބޭސްއިން ފެނިފައެވެ. މިއާއެކު މި ޓެބްލެޓް އެމެރިކާގެ ބާޒާރަށް ނެރުން ވަރަށް ގާތްވެފައިވާކަން ހާމަވެއެވެ.

ގެލެކްސީ ޓެބް އެސް12 ސީރީޒްގައި ވަރުގަދަ މީޑިއާޓެކް ޑައިމަންސިޓީ 9500 ޗިޕްސެޓް ހިމެނޭނެ ---
އެފްސީސީގެ ލިސްޓިންގްތަކުން ދައްކާ ގޮތުގައި މި ޓެބްލެޓްގައި 5ޖީ، ވައިފައި 6އީ، ބްލޫޓޫތު، އެންއެފްސީ، އެސް-ޕެން އަދި މައިކްރޯ އެސްޑީ ކާޑު ބޭނުންކުރެވޭނެއެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގެލެކްސީ ޓެބް އެސް12 ޕްލަސްގައި 12.4 އިންޗީގެ އެމޯލެޑް 120ހާޓްޒް ސްކްރީނަކާއި މީޑިއާޓެކް ޑިމެންސިޓީ 9500 ޕްރޮސެސަރެއް ހުންނާނެއެވެ. އަދި އަލަށް ނެރޭ އެންޑްރޮއިޑް 17 ގެ މައްޗަށް ބިނާކޮށްފައިވާ ވަން ޔޫއައި 9.0 ހިންގާ ސިސްޓަމް މި ސީރީޒްގައި ބޭނުންކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ޓެބްލެޓް ސީރީޒް ކަމަށްވާ ގެލެކްސީ ޓެބް އެސް11 ސީރީޒް ބާޒާރަށް ނެރެފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ސެމްސަންގުން އާންމުކޮށް ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ފްލެގްޝިޕް ޓެބްލެޓްތައް ނެރެމުންދާ ތާވަލަށް ބަލާއިރު، މި އަހަރުގެ ފަހުކޮޅު ނެރުމަށް ތައްޔާރުވަމުންދާ ގެލެކްސީ ޓެބް އެސް12 ސީރީޒްއަކީ ކުރީގެ މޮޑެލްތަކަށްވުރެ ހާއްސަ އަދި ވަރުގަދަ ފީޗާތަކެއް އެކުލެވިގެންވާނެ ސީރީޒެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.