އިގުތިޞާދީ ފުދުންތެރި ގައުމަކަށް ރާއްޖެ ހަދަން ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން ޖެހޭ: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އިގުތިޞާދީ ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި، ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީއަށް މިއަދު 18 އަހަރު ފުރުމާ ގުޅިގެން ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މުއްދަތުގައި ފެނުނު ވެރިކަންތަކުގައި ރާއްޖެއަށް ތަފާތު ހެޔޮ ބަދަލުތައް އައިސްފައިވާ ކަމަށެވެ.

އެކަމަކު، ފެހި ޤާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އަށް އޮތުމުގެ ސަބަބުން، ގައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.sun.mv/225709

ފައިސަލް ވިދާޅުވި ގޮތުގައި، 2004އިން 2008 ވަނަ އަހަރާ ދެމެދު ގާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތައް ކުރެވުނެވެ. އެ އުންމީދުތައް ރައްޔިތުންނަށް ހާސިލުވި މިންވަރާމެދު، ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަޅުގަނޑު ޤަބޫލު ކުރަނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށްކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އެހެން ވިދާޅުވެ، ފައިސަލް ވަނީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ގިނަ އިސްލާހުތަކެއް ލިޔުއްވާފައެވެ. މިގޮތުން:

  • ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅި އަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިޚާބު ކުރާ ގޮތަށް ހެދުން

  • ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މެމްބަރުން އައްޔަން ކުރާގޮތާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުން

  • މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުން

  • ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުން

  • ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދަކާއި މުވައްޒަފުން އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުން

  • ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލައި، ތައުލީމާއި ޞިއްޙަތާއި ބޯހިޔާވަހިކަމާއި ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްޤީ ކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން

  • ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުމާއި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުން.

  • ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުން

  • މީހުން ބިނާ ކުރުމުގައި، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން
  • އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުމާއި ކޮންމެ ފަރުދެއްގެ އަދި ކޮންމެ އާއިލާއެއްގެ ހާލަތު ވަކިވަކިން ބަލައި، ބޯހިޔާވަހިކަމާއި އިޖުތިމާއީ އެހީތެރިކަން އެ ހާލަތާ އެކަށޭނަ ގޮތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމު ކުރުން

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުން ލިބުނު ސުޕަމެޖޯރިޓީއާ އެކު ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެނައެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުމާއި، މަޖިލީސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތް ހެދުން ހިމެނެއެވެ.

comment ކޮމެންޓް